logo

އެމެރިކާއިން ޔަމަނުގެ ހުދައިދާއަށް ރޭދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 58 އަށް އަރައިފި

profile

ސައިފް އަޒުހަރު - 18 އޭޕްރީލު 2025 - 09:53

އެމެރިކާ ސިފައިން ޔަމަނަށް ރޭގައި ދިން އުދުވާނީ ހަމަލާތަކުގައި 58 މީހުން މަރުވެ، 126 މީހުން ޒަޚަމްވެފައިވާ، ހަމަލާތައް އަމާޒުވި ހުދައިދާގެ ހެލްތު އޮފީހުން ބުނެފިއެވެ.

https://wamco.com.mv/

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 5 ޕެރަމެޑިކުންވެސް ހިމެނެއެވެ.

ރޭގެ ހަމަލާގައި 58 މީހުން މަރުވެފައިވާކަން، ޔަމަނުގެ އަލް މާސިރާ ޓީވީންވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާތައް ދީފައިވަނީ ޔަމަނުގެ ހުޅަނގުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާގައި ގާއިމްކޮށްފައިވާ ރަސް އީސާ ތެލުގެ ބަނދަރަށެވެ.

މި ބަނދަރަށް އެމެރިކާ ސިފައިން ދެބުރެއްގެމަތިން ވަރުގަދަ 14 ހަމަލާ ދީފައި ވެއެވެ.

ބޮންތަކުގެ ބާރުގަދަކަމުން ރަސް އީސާ ތެޔޮ ބަނދަރުގެ އެކި ހިސާބުތަކަށް ވަރުގަދައަށް ގޮވައިގެންދާ މަންޒަރުތަކާއި، ބޮޑެތި އަލިފާންގަނޑުތައް ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި، ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

ރޭގެ ހަމަލާތަކުގައި ޕެރަމެޑިކުން މަރުވީ، ފުރަތަމަ ބުރުގައި ދޭންފެށި ހަމަލާތަކާއެކު މީހުން ސަލާމަތްކުރަން އެމްބިއުލެންސްތަކާއި، ސިވިލް ޑިފެންސް ޓީމުތައް ގޮސް ހަރަކާތްތެރި ވަމުންދަނިކޮށް، ދެވަނަ ބުރުގައި އައިސް އެ ބަނދަރަށް ބޮންއެޅުމުންނެވެ.

އެމެރިކާއިން ދިން އުދުވާނީ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް ހޫޘީ އަސްކަރިއްޔާއިން ބުނެފައިވަނީ، ރަސް އީސާ ތެޔޮ ބަނދަރަކީ ސަރުކާރާ ގުޅުންހުރި ބަނދަރެއް ނޫން ކަމަށާއި، އެއީ އަމިއްލަ ފަރާތަކުން ހިންގާ ބަނދަރެއް ކަމަށެވެ.

މި ހަމަލާގައި މަރުވެފައިވަނީ ބަނދަރުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި، މުވައްޒަފުން ކަމަށްވެސް ޔަމަނުން ލިބޭ ޚަބަރުތައް ބުނެއެވެ.

މިދިޔަ މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމެރިކާ ސިފައިން ގެންދަނީ ޔަމަނުގެ އެކި ރަށްތަކަށް ވަރުގަދައަށް ބޮންއަޅަމުންނެވެ. އެމެރިކާ ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ޔަމަނުން މިހާތަނަށް އެތައް އާންމުން މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވެ، އާންމު ޚިދުމަތްތަކުގެ އެތައް ތަނެއް ހަލާކުކޮށްލާފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، އެމެރިކާ ސިފައިން ޔަމަނަށް ބޮންއަޅައި، އާންމުން މަރައި، ބޮޑެތި ގެއްލުންތައް ދެމުންގެންދަނީ، ޣައްޒާގެ ނަސްލުނައްތާލަން މުޖުރިމު ނަތަންޔާހޫ ހިންގާ ޖަރީމާތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޣައްޒާގެ އާންމުންގެ ބޮލަށް ނަތަންޔާހޫ ބޮންއަޅަމުން ގެންދާއިރު، ޓްރަމްޕް ގެންދަނީ ޔަމަނުގެ އާންމުންގެ ބޮލަށް ބޮންއަޅަމުންނެވެ.

ރޭގެ ވައިގެ ހަމަލާތަކާ ގުޅިގެން ޔަމަނުގެ ހޫޘީން މިއަދު ވަނީ، އިސްތިއުމާރީ އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައި ވެއެވެ.

މިސައިލްތައް އުދުއްސާލުމާއެކު، އިސްތިއުމާރީ އިސްރާއީލުގެ ހުރިހާ ހިސާބެއްގައި ނުރައްކަލުގެ އިންޒާރުގެ ޑަނޑޫރާ ޖަހާފައި ވެއެވެ. ހޫޘީންގެ މިސައިލް ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

https://etukuri.mv/
https://www.aslu.com.mv