
ވާނުވާ ބަންދުގައި ތިބި މީހުން ނަށް ލުއި ދިނުމުގެ މަސައްކަތް ފަށައިން: ރައީސް

މުޙައްމަދު ފަޟްލޫން - 28 މޭ 2025 - 15:17
ވާނުވާ ބަންދުގައި ތިބި މީހުންނަށް ކޯޓުތައް މެދުވެރިކޮށް ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ ކަންކަން ފެށިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކާި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާކަމަށެވެ. އެގޮތުން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް ލުއި ދިނުމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށެވެ.
މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މި އެސެސްމަންޓަކީ ޕީޖީ އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން ލުއި ދެވޭނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އެއޮފީހުން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިން ނުވަތަ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ޕީޖީ އޮފީހަށް ހުށަހެޅިދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން