
ޖޯޑަން ހޯޕް, މިސްޓަރ ރޯއީއަށް ފައިވާން ދޭ މަންޒަރ
ފައިވާން ޖޯޑަކުން ފެށުނު އޯގާތެރިކަން: އެކަނިވެރި މީހެއްގެ ދިރިއުޅުން ބަދަލުކޮށްލި ޒުވާނެއްގެ ވާހަކަ!

އާމިނަތު ޝަޒްލާ - 25 ނޮވެމްބަރު 2026 - 19:13
އެހެން މީހުން އުފުލަމުންދާ ތަކުލީފުތަކަށް ސަމާލުކަމެއް ނުދީ، އެކަކު އަނެކަކަށް ބަލާލުމެއް ނެތި މީހުން ދުވަމުންދާ މި އަވަދިނެތި ދުނިޔޭގައި، ޒުވާނަކު ދެއްކި އޯގާތެރިކަމުގެ މިސާލުން މުޅި ދުނިޔެއަށް ބޮޑު އިބްރަތެއް ދީފިއެވެ. އެއީ އޯގާތެރިކަމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫންކަމާއި، ކުރެވޭ އެންމެ ކުދިކުދި ހެޔޮ އަމަލުތަކުން ވެސް އިންސާނެއްގެ ދިރިއުޅުން މުޅިން ބަދަލުކޮށްލެވިދާނެ ކަމެވެ.
މި ހިތްދަތި ނަމަވެސް އުންމީދީ ހާދިސާ ހިނގާފައިވަނީ އެމެރިކާގެ އެރިޒޯނާގެ މަރިކޯޕާގައެވެ. އުމުރުން 18 އަހަރުގެ ޒުވާނެއް ކަމަށްވާ ޖޯޑަން ހޯޕް ބޭންކަށް ދިޔަ މަގުމަތީގައި، ފިހާރައެއްގެ ބޭރުގައި އުމުރުން ދުވަސްވީ މީހަކު ވަރަށް ހާލުގައި އުޅެނިކޮށް ފެނުނެވެ. އެ މީހާ އަރައިގެން ހުރީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ފައިވާނަކަށެވެ. އަދި އޭނާއަށް ހިނގާބިނގާވެ އުޅުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ މަންޒަރު ފެނުމުން، ޖޯޑަން އޭނާގެ ދަތުރު ކުރިއަށް ގެންދިއުމުގެ ބަދަލުގައި ވަގުތުން ކާރު މަޑުކުރިއެވެ. އަދި އޭނާ އަމިއްލައަށް އަރައިގެން ހުރި ފައިވާން ބާލައި، އެ ދުވަސްވީ މީހާއަށް ހަދިޔާކުރިއެވެ.
ނުދަންނަ ޒުވާނެއްގެ ފަރާތުން ފެނުނު މި ކުއްލި އެހީތެރިކަމުން އެ މީހާއަށް ބޮޑު ހައިރާންކަމެއް ލިބުނު ނަމަވެސް، ޝުކުރުވެރިކަމާއެކު އެ ފައިވާނުގައި ހިފިއެވެ. ޖޯޑަންއަށް އެވަރުން ފުދިއްޖެ ކަމަށް ބަލައި އަމިއްލަ މަސައްކަތައިގެން ދެވުނު ނަމަވެސް، އޭނާގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އަލުން އެނބުރި އެ މީހާ ހޯދަން ދިޔައެވެ.
އެނބުރި ދިޔައިރު، އެ މީހާ ހުރީ ފިހާރައެއްގެ ތެރޭގައި މީރު ފޮނި އެއްޗަކަށް ބަލަހައްޓައިގެންނެވެ. ޖޯޑަން ވަގުތުން އެ އެއްޗަށް ފައިސާ ދައްކައިދިނެވެ. އަދި ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން، ޖޯޑަންއަށް އެނގުނީ އެ މީހާއަށް ބޭނުންވަނީ ހަމައެކަނި ފައިވާން ފަޅިއެއް ނޫންކަމެވެ. އެ މީހާގެ ލޯބިވާ އަނބިމީހާ ނިޔާވިތާ އޭރު ވީ އެންމެ ދެ ހަފުތާއެވެ. އަޅާލާނެ އެއްވެސް އާއިލީ މީހަކު ނެތި، އޭނާ ދިރިއުޅެމުންދިޔައީ އިންތިހާ އެކަނިވެރިކަމުގައެވެ.
އެ މީހާއަށް ޖިސްމާނީ އެހީތެރިކަމުގެ އިތުރުން ނަފްސާނީ ގޮތުންނާއި އަޅާލުމުގެ ބޮޑު ބޭނުންތެރިކަމެއް އޮތްކަން ވިސްނުމުން، ޖޯޑަން އޭނާ ގެއަށް ގެންގޮސްދިނުމަށް އެދުނެވެ. ނަމަވެސް އެ މީހާއަށް ކާރަށް އެރުމުގައި ދަތިތަކެއް ހުރުމުން، ޖޯޑަން އޭނާއަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދީ، މަގުމަތީގައި ކެއުމަށް ބޭނުންވާ ތަކެތި ގަނެދީ، އޭނާ ސަލާމަތުން ގެއަށް ފޯރާތޯ ބެލުމަށްޓަކައި ފަހަތުން ދިޔައެވެ.
މި އޯގާތެރިކަން އެހިސާބުން ނިމުނީއެއް ނޫނެވެ. ޖޯޑަން އެ މީހާގެ ފޯނު ނަންބަރު ހޯދައި، "މިސްޓަރ ރޯއީ"ގެ ނަމުން މުހާތަބު ކުރަމުން ގަވާއިދުން އޭނާގެ ހާލު ބަލަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މަގުމަތިން ފެނުނު ކުޑަކުޑަ ފައިވާން ޖޯޑަކުން ފެށުނު ގުޅުން ބަދަލުވެގެން ދިޔައީ ނުހަނު ވަރުގަދަ އަދި ގާތް ރަހުމަތްތެރިކަމަކަށެވެ. ބައެއް ފަހަރު، މުޅިން ބީރައްޓެހި މީހަކީ ވެސް އަހަރެމެންގެ އެކަނިވެރިކަން ފިލުވައިދޭ އެންމެ ގާތް އެކުވެރިޔާއަށް ވެދާނެކަން މިއީ ހެތްކެކެވެ.
ޖޯޑަންގެ މި ހާދިސާއިން ހަނދާންކޮށްދެނީ، އޯގާތެރިކަމަކީ ހަމައެކަނި އަހަރެމެން ބޭނުން ނުވާ އެއްޗެއް ދިނުން ނޫންކަމެވެ. ބައެއް ފަހަރު އެއީ އަހަރެމެން އަމިއްލައަށް އަގުކުރާ އެއްޗެއް ދިނުމެވެ. އަދި އަނެކާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ތިމާގެ ވަގުތާއި ސަމާލުކަން ދީ، އެމީހުންނަކީ އެކަނިވެރިން ނޫންކަމުގެ އިހުސާސް ކޮށްދިނުމެވެ. މީހެއްގެ ހަނުހުރުމުގެ ނުވަތަ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ހިތްދަތިކަމެއްކަން އަހަރެމެންނަކަށް ނޭނގޭނެއެވެ.
އެހެންކަމުން، ކޮންމެ މީހަކާ ދޭތެރޭގައި ވެސް އޯގާތެރިވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އޯގާތެރިކަމަކީ ވަކި އުމުރެއް، އިންތަކެއް ނުވަތަ އަގެއް އޮތް އެއްޗަކަށް ނުވާއިރު، އަޅުގަނޑުމެން ކޮށްލާ ކުޑަކުޑަ ހެޔޮ އަމަލަކުން ވެސް އަނެކާގެ މޫނުމައްޗަށް އަލުން އުފާވެރި ހިނިތުންވުމެއް ގެނެސްދެވިދާނެތީއެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްރުގައި ތެޔޮ ބައުޒަރެއް ފުރޮޅާލައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ!
3 ގަޑިއިރު ކުރިން
ރަޝިޔާގެ މައި އަސްކަރީ މަރުކަޒަކަށް މިސައިލް އާއި ބޮމުގެ ހަމަލާތަކެއްދީފި
3 ގަޑިއިރު ކުރިން

އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ދައުލަތުން 150،000 ސިންގަޕޫރު ޑޮލަރު ސަރުކާރުން ދީފި
6 ގަޑިއިރު ކުރިން

މަންތާ އެއާގެ އޮޕަރޭޝަންތައް ހުއްޓާލައި ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި
6 ގަޑިއިރު ކުރިން


