
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް---
ހޯމް ސްކޫލިންގ ތައާރަފްކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 07:30
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތްތައް ހުންނަ ދަރިވަރުންނަށް ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދިނުމަށް، ހޯމް ސްކޫލިންގ ޕްރޮގްރާމެއް ތައާރަފްކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ، ދަރިވަރުގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތައުލީމު ދިނުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އެގޮތުން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުނުކުރެވޭ ދަރިވަރުންނަށް އެ ކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް މިބިލުގައި ބަޔާންކޮށްފައިވެއެވެ.
ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކުދިންނަށް ހޯމް ސްކޫލިންގގެ ދަށުން ތައުލީމު ދެވޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މިބިލަކީ ހަމައެކަނި ހޯމް ސްކޫލިންގ ތައާރަފްކުރުމަށްވުރެ، ގާނޫނަށް މުހިންމު ބައެއް އިސްލާހުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ބިލެކެވެ. އޭގެ ތެރޭގައި، މަދަރުސީ ތައުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމާއި، މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ހިމެނެއެވެ. އިތުރު ކަމެއްގެ ގޮތުން، ސްކޫލްގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް މި ބިލުގައި ހިމަނާފައިވެއެވެ. މިއީ ދަރިވަރުންގެ އަސާސީ ބޭނުންތައް ފުއްދައިދީ، އުނގެނުމަށް ތައްޔާރުކުރުމަށް އަމާޒުކޮށްފައިވާ ކަމެކެވެ.
ދަރިވަރުންގެ ދައުރު އިތުރަށް ތަފްސީލުކޮށް، ސްކޫލްގެ އިސްފަރާތްތަކާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް އިހްތިރާމުކުރުމުގެ އާދަ އަށަގަންނެވުމަށް މަސައްކަތްކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ބެލެނިވެރިންގެ ޒިންމާތަކުގެ ތެރޭގައި، ސްކޫލަށް ދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދިނުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުން ޕެނަޑޯލަށް ޖެހިފައިވަނިކޮށް މިއުޅެނީ ވެރިންގެ އިނާޔަތްތައް ބޮޑުނުކުރެވިގެންތޯ؟
ގަޑިއިރެއް ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

ކައުންސިލްތަކުގެ މުސާރަ ބޮޑުކުރީ މަޖިލިސް ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން : ގަފޫރު
ގަޑިއިރެއް ކުރިން

މަޖިލީސް ރައީސްގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ ރިޔާސަތުން ބަލައެއް ނުގަތް!
3 ގަޑިއިރު ކުރިން


