
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ / ފޮޓޯ: މަޖިލިސް
ކައުންސިލްތަކުގެ މުސާރަ ބޮޑުކުރީ މަޖިލިސް ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން : ގަފޫރު

މުޙައްމަދު ފަޟްލޫން - 26 އޮކްޓޯބަރު 2026 - 07:07
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ޖެހި ދަންމަޅިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުންދޭ ގްރާންޓް ބޮޑުނުކޮށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުން ރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންކަމުން، ކައުންސިލަރުންގެ މުސާރަ ބޮޑުކުރާނަމަ އެކަން ކުރަންޖެހޭނީ ކައުންސިލަށް ސަރުކާރުން ދޭ ގްރާންޓް ބޮޑުކުރުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގައި ވޯޓް ނުދޭނެ ކަމަށާއި، އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ނުވާނެ ކަން ކައުންސިލަރުންނަށްވެސް އެނގޭނެ ކަމަށެވެ. އަދި މިސަރުކާރުން ކުރިއަށް އޮތް ތަނުގައި ކައުންސިލަރުންގެ މުސާރަ ކުޑަކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވި ގޮތުގައި، ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ ރައްޔިތުން ރުޅި އެރުވުމަށެވެ.
މާލިއްޔަތު ކޮމިޓީގެ މި ނިންމުމުގެ ސަބަބުން ދައުލަތުގެ ހަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެ، އެމްޑީޕީން ވަނީ މި ނިންމުން ބަދަލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގޮވާލާފައެވެ. މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އިނާޔަތާއި ރަށު ކައުންސިލްތަކުގެ މުސާރަވެސް ބޮޑުކުރުމަށެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބިވަޑައިގަންނަވާ 73,125 ރުފިޔާ 95,125 ރުފިޔާއަށް ބޮޑުކުރަން ހުށަހަޅާފައިވަނީ، އެމަނިކުފާނަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީ މެންބަރުންނަށް ލިބޭ ކޮމިޓީ އިނާޔަތް ލިބިވަޑައިނުގަންނަވާތީއެވެ.
އެހެންކަމުން މުސާރަ އާއި އިނާޔަތްތަކާއި އެކު މަޖިލީހުގެ ރައީސަށް 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުން ޕެނަޑޯލަށް ޖެހިފައިވަނިކޮށް މިއުޅެނީ ވެރިންގެ އިނާޔަތްތައް ބޮޑުނުކުރެވިގެންތޯ؟
ގަޑިއިރެއް ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

ހޯމް ސްކޫލިންގ ތައާރަފްކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

މަޖިލީސް ރައީސްގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ ރިޔާސަތުން ބަލައެއް ނުގަތް!
3 ގަޑިއިރު ކުރިން


