
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީސް ރައީސްގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ ރިޔާސަތުން ބަލައެއް ނުގަތް!

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 05:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން އަނބުރާ ފޮނުވާލައްވައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ގައުމުގެ އިގުތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް އާންމު ދިރިއުޅުމުގެ ހާރަދުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވާއިރު، މުސާރަ އެއްހަމަކުރުމާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި މި ނިންމުން ނިންމުމަކީ އާންމުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.
މުސާރަ އެއްހަމަކުރުމާ ގުޅޭ ގަރާރެއް މިދިޔަ އަހަރުގެ ޖޫން މަހު ހުށަހެޅި ނަމަވެސް، އެ މަސައްކަތް ވެސް ނިންމާފައި ނުވާކަން މި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި މާލިއްޔަތު ކޮމިޓީން ދައުލަތުގެ ހަރަދުތައް ބޮޑުވާނެހެން އިސްފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެކެވެ.
މިއަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ހަރަދުކޮށްފައިވާކަން ވެސް އެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމަވައި އެ މައްސަލަ ވަނީ އަނބުރާ ފޮނުއްވާލައްވައިފައެވެ. މާލިއްޔަތު ކޮމިޓީގެ މި ނިންމުމުގެ ސަބަބުން ދައުލަތުގެ ހަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެ، އެމްޑީޕީން ވަނީ މި ނިންމުން ބަދަލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގޮވާލާފައެވެ. މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އިނާޔަތާއި ރަށު ކައުންސިލްތަކުގެ މުސާރަ ވެސް އިތުރުކުރުމަށެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބިވަޑައިގަންނަވާ 73,125 ރުފިޔާ 95,125 ރުފިޔާއަށް ބޮޑުކުރަން ހުށަހަޅާފައިވަނީ، އެމަނިކުފާނަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީ މެންބަރުންނަށް ލިބޭ ކޮމިޓީ އިނާޔަތް ނުލިބިވަޑައިގަންނަވާތީއެވެ. މިހާރު މަޖިލީހުގެ ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުން ޕެނަޑޯލަށް ޖެހިފައިވަނިކޮށް މިއުޅެނީ ވެރިންގެ އިނާޔަތްތައް ބޮޑުނުކުރެވިގެންތޯ؟
ގަޑިއިރެއް ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

ހޯމް ސްކޫލިންގ ތައާރަފްކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ކައުންސިލްތަކުގެ މުސާރަ ބޮޑުކުރީ މަޖިލިސް ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން : ގަފޫރު
ގަޑިއިރެއް ކުރިން


