
ފާމަސީއެއްގައި ބޭސް ހުރި ބޭސް ސްޓޮކެއް
ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދޭން މަސައްކަތްކުރަނީ

މުޙައްމަދު ފަޟްލޫން - 11 ނޮވެމްބަރު 2026 - 21:00
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޑްރޯން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.
މި ހިދުމަތް ތަޢާރަފުކުރުމުގެ ކުރިން، ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމްޕަލް އުފުލުމުގެ ޓެސްޓް ދަތުރުތަކެއް މީގެ ކުރިން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ މައި ބޭސް ގުދަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނިން ބުނީ ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރަށްރަށުންނާއި ކަމާގުޅޭ މުއައްސަސާތަކުން މައުލޫމާތު އެއްކޮށް ހާއްސަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދަތިކަމެއް ނެތި ލިބެން ނުހުންނަ ދާއިމީ ބޭސްތަކާ ބެހޭ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން، ބޭރުން ބޭސް އެތެރެކުރުމުގައި ދިމާވާ ރެގިއުލޭޓަރީ އަދި ސަޕްލައި ޗެއިންގެ ގޮންޖެހުންތަކަށް ޙައްލު ހޯދެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން، ގާތްގަނޑަކަށް ދެ ހަފުތާގެ ތެރޭގައި ބޭސް އެތެރެކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޤާއިމުކުރެވުނު ހާއްސަ ނިޒާމުގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓޮކް މަދުވެފައިވާ ބޭސްތައް މިހާރު ވަނީ ދެނެގަނެވިފައެވެ.
މި މައުލޫމާތުތަކަށް ބިނާކޮށް، ޕްލޭނިންގ އަދި ޕްރޮކިއުމަންޓް ޓީމުތައް ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ސްޓޭޓް ފާމާއިން އިތުރަށް ހާމަކުރި ގޮތުގައި، ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްޓްކުރުމަށްފަހު، އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައި މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ލެބޯޓްރީ ސާމާނާއި ބޭހުގެ ބައެއް ބާވަތްތައް އެއްތަނުން އަނެއް ތަނަށް ޑްރޯން ބޭނުންކޮށްގެން އުފުލުމުގެ ޓެސްޓްތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އަދި މިހާތަނަށް ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ސަރުކާރަށް ފެށިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީއެމްއޭގެ ސީޕްލޭނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި: އެމްއޭސީއެލް
8 ގަޑިއިރު ކުރިން

ރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއް ބޭރުގެ ބަޔަކަށް ދޭކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ: މައުރޫފް
8 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި
8 ގަޑިއިރު ކުރިން

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
9 ގަޑިއިރު ކުރިން


