logo
ކުރީގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މުއައްސިސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ކުރީގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މުއައްސިސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

profile

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 12:33

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން ދިނުމާއި ދެކޮޅަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުރީގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މުއައްސިސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

https://wamco.com.mv/

"ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ކުރިއަށްގެންދާ މި ޤައުމީ ހަރަކާތުގެ ފަރާތުން ބާއްވާ ބޮޑު ރެލީ އޮންނާނީ އަންނަ ހުކުރު ދުވަސް ކަމުގައިވާ 13 ނޮވެމްބަރުގެ ރޭ 8:00 ގައި މާލޭގެ އާޓިފިޝަލް ބީޗުގައެވެ.

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ، ރާއްޖޭގެ ބިންތައް ނީލަން ކިޔުމާ ދެކޮޅަށް ރައްޔިތުން ނުކުންނަ މި ބޮޑު އެއްވުމުގެ އެންމެ ކުރީ ސަފުން ރައީސް ޔާމީން ފެނިވަޑައިގަންނަވާނެ ކަމަށެވެ. މަލީހު ވިދާޅުވި ގޮތުގައި، ދިވެހި ފަސްގަނޑާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެންމެހައި ދިވެހި ރައްޔިތުން މި އެއްވުމުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ޤައުމީ ހަރަކާތުން އެންމެ ފުރަތަމަ މި އެއްވުން ބޭއްވުމަށް ތާވަލުކުރީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެއްވުން ފަސްކުރުމަށްފަހު، މިހާރު ވަނީ 13 ވަނަ ދުވަހުގެ ރެއަށް އެއްވުން ބޭއްވުމަށް ތައްޔާރުވެފައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރަން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުންޏާއެވެ. އަދި ބިން ހިއްކުމުގެ އަގުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ފައިސާ ދެއްކުމުގެ ބަދަލުގައި، ރަސްމާލެ އަދި ހުޅުމާލެއިން ބޮޑެތި ބިންތަކެއް އެ ކުންފުންޏަށް 99 އަހަރަށް ދިނުމާއި ބިން ވިއްކުމުގެ ހުއްދަ ދީފައިވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އިދިކޮޅު ފަރާތްތަކުންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، ދައުލަތުގެ މިލްކިއްޔާތުގައިވާ އަގުހުރި ބިންތައް ބޭރުގެ ވިޔަފާރިވެރިންނަށް މިލްކުވާ ގޮތަށް ނުވަތަ ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ޤައުމުގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި ރަސްމާލެ މަޝްރޫޢަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި، ދިވެހިންގެ ވަޒަން ގެއްލޭ ގޮތަށް ހިންގާ މަޝްރޫޢެއް ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި ބާއްވާ ބޮޑު ރެލީއަށް ތައްޔާރުވަމުން އަންނައިރު، ރައީސް ޔާމީން ސީދާ މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން އިޢުލާނުކުރުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މި އެއްވުމަށް މިހާރު ވަނީ ހުއްޓިފައެވެ.

https://wamco.com.mv/
tel:+9607331319