.jpg&w=3840&q=75)
ރިއަލް އެސްޓޭޓް ބިލަކީ ޤައުމު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދޭން ހަދާފައިވާ ޚިޔާނާތެއް: ޒަމްޒަމް ފާރިޝް

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 09:27
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ މި ޤައުމު ލޯމަރާލާފައި ބޭރުގެ މަހުޖަނުންނާއި ކާފިރުންނަށް ހިބަކޮށްދިނުމަށް އެކުލަވާލާފައިވާ ޚިޔާނާތްތެރި ލިޔުމެއް ކަމަށް ބުނެ، އިޖުތިމާޢީ ކަންކަމުގައި އަޑުއުފުއްލަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް ޒަމްޒަމް ފާރިޝް، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ތަރައްޤީކޮށް، ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ޢާންމުންގެ މެދުގައި ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދެމުންނެވެ.
މި ބިލާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ޒަމްޒަމް ފާރިޝް ވިދާޅުވީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ފުރިހަމައަށް ކިޔާލުމުން ސާފުވެ ޔަޤީންވެގެން ދިޔައީ ވަރަށް ނުރައްކާތެރި ޙަޤީޤަތެއް ކަމަށެވެ. އެގޮތުން، އެތައް ހާސް އަހަރެއް ވަންދެން އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިންނާއި ޤައުމީ އަބުޠާލުން އަދި އިހުގެ ދިވެހި ރައްޔިތުން ބަލަހައްޓައި، ޙިމާޔަތްކޮށް، ދިފާޢުކުރަމުން އައިސް އަދުގެ ޖީލަށް ވާރުތަކޮށްދީފައިވާ މި ލޮބުވެތި ވަޠަން، ބޭރުގެ ފަރާތްތަކަށް ދޫކޮށްލަން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމްޒަމް ފާރިޝް އިތުރަށް ސިފަކުރެއްވި ގޮތުގައި މިއީ ދިވެހިންގެ މިއްލްކެއްގެ ގޮތުގައި އޮތް މި ޤައުމު، ލޯމަރާލާފައި ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދިނުމަށްޓަކައި ހަދާފައިވާ މަކަރުވެރިކަމާއި ޙީލަތްތެރިކަމުން ފުރިގެންވާ ލިޔުމެކެވެ. އަދި މިއީ ޣަދަރުވެރިކަމާއި ޚިޔާނާތްތެރިކަމުން ފޯވެ ފާވެފައިވާ ކަޅު އަނދިރި ހާސަރުގަނޑެއްގެ ގޮތުގައި ފާހަގަކުރައްވައި، މި ޚިޔާނާތުގެ ކިބައިން ދިވެހިން މިންޖުކުރައްވައި ސަލާމަތް ކުރެއްވުން އެދިވަޑައިގެން އޭނާ ވަނީ ދުޢާ ދަންނަވާފައެވެ.
ރާއްޖޭގެ ބިމާއި ފަޅުތައް ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ވިއްކާލެވޭ ނުވަތަ މިލްކުކުރެވޭ ގޮތަށް ޤާނޫނުތައް ބަދަލުކުރުމަކީ ރާއްޖޭގެ އިސްލާމީ ވަޙްދަތަށާއި، މިނިވަންކަމާއި އިސްތިޤްލާލަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ދިވެހިން އަބަދުވެސް ދެކެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތް މި ދަނޑިވަޅުގައި، މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިޔުމުން، ދިވެހިރާއްޖޭގެ މިލްކިއްޔާތާއި އިޤްތިޞާދީ މިނިވަންކަން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އަތްދަށަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން ދީނީ ޢިލްމުވެރިންނާއި ޢާންމު ރައްޔިތުންގެ މެދުގައި މިހާރު ދަނީ ބޮޑުވަމުންނެވެ. މި ބިލާ ގުޅިގެން މަޖިލީހުގެ ތަޅުމުގައާއި ބޭރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބަހުސްތައް އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
31 މިނިޓު ކުރިން

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ
4 ގަޑިއިރު ކުރިން

ޖުމްހޫރީ ދުވަހުގެ ޕެރޭޑާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް މިއަދު ބަދަލުތަކެއް ގެންނަނީ
4 ގަޑިއިރު ކުރިން

މިއީ ގާނޫނު އަސާސީން ކަށަވަރުކުރި ހައްގުތައް ރައްޔިތުން ދިފާޢުކުރަންވީ ވަގުތު: ފައިސަލް ނަސީމް
4 ގަޑިއިރު ކުރިން


