
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި އަންގާރަ ދުވަހުގެރޭ މާލޭގައި ބޭއްވި ކުއްލި އެއްވުމުގައި ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއް ބޭރުގެ ބަޔަކަށް ދޭކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ: މައުރޫފް

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 13:16
ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ބިމެއް، ރައްޔިތުންގެ ބަހެއް ނެތި އަދި ވަކިން ޚާއްސަކޮށް ޒަޔަނިސްޓުންނަށް ވާގިވެރިވާ ފަރާތްތަކަށް ދޫކޮށްލަން އެއްވެސް ދިވެހި ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި އަންގާރަ ދުވަހުގެރޭ މާލޭގައި ބޭއްވި ކުއްލި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
އޭނާގެ ވާހަކައިގައި، ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން، މިހާރު ހުށަހެޅިފައި އޮތް ބިލުގެ ސަބަބުން ރާއްޖޭގެ ބިމުގައި ޒަޔަނިސްޓުން އާބާދުވުން ނުހުއްޓުވޭނެ ކަމަށާއި، އިސްރާއީލު މީހުންނަށް ނާދެވޭނެ އަދި ނޫޅެވޭނެ ކަމަށް ބުނި ނަމަވެސް، ޒަޔަނިސްޓުންނަށް އެތަންތަނުގައި އުޅެވޭ ގޮތަށް އަދިވެސް ބިލުގެ މަގު ފަހިވެފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައި މައުރޫފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ބިން ހިއްކުމަށްފަހު އިސްރާއީލަށް ވާގިވެރިވާ ޔަހޫދީންނަށާއި ބޭރުގެ ފަރާތްތަކަށް ދޭނެ ކަމަށް ވިދާޅުވި ނަމަ، އެމަނިކުފާނަށް އެއްވެސް ރައްޔިތެއްގެ ވޯޓު ނުލިބޭނެ ކަމަށެވެ. އަދި އޭރު ރައްޔިތުންނަށް ވީ ވައުދަކީ އެ ބިމުން އާންމު ރައްޔިތުންނަށް ގޯތި ދިނުން ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ އެ ވައުދާ ރައީސް ޚިލާފުވެވަޑައިގަންނަވާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެ ބިމުގައި އިސްރާއީލުގެ ޔަހޫދީންނަށް ވަޒަންވެރި ނުވެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ގާނޫނު ބަދަލުކުރާ މަޖިލީހެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން އެދޭ ކޮންމެ ވަގުތަކު ޤާނޫނުތައް ބަދަލުކުރުމަށް ފަސްނުޖެހޭ، ރައީސް ޑރ. މުޢިއްޒު ވިދާޅުވާ ކޮންމެ ކަމެއް ކުރުމަށް ފުރިހަމައަށް ތައްޔާރަށް އޮތް 'ރަބަރު ސްޓޭމްޕް' މަޖިލީހެއް ކަމަށެވެ. އެހެންކަމުން، މިފަދަ ބޮޑު ނިންމުމެއް ރައްޔިތުންގެ ޚިޔާލާއި ރުހުން ހޯދުމަކާ ނުލައި ނިންމުމުގެ އެއްވެސް ފުރުޞަތެއް ސަރުކާރަށް ދީގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްވުމުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރުކާރުން ފަށާފައިވާ "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުންނެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެ މަޝްރޫއުގެ ތެރެއިން ބޭރުގެ ކުންފުނިތަކަށާއި އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ބިން ދޫކުރުމަށް ރާވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދޭން މަސައްކަތްކުރަނީ
ސިކުންތުކޮޅެއް ކުރިން

ޓީއެމްއޭގެ ސީޕްލޭނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި: އެމްއޭސީއެލް
8 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި
8 ގަޑިއިރު ކުރިން

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
8 ގަޑިއިރު ކުރިން


