
ހީނާފަތުން ކުލަ އަންނަނީ ހާދަ ވަރަކަށް ފުނޑައިގެންނޭ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 02 ފެބްރުއަރީ 2025 - 18:30
ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދޭނެ ކޮންމެވެސް މަސައްކަތެއް ކުރުމަކީ އަތްފަޔާއި ހިއްސުތައް ސަލާމަތުން ހުރި ކޮންމެ މީހަކުވެސް ކުރަން އޮތް ކަމެކެވެ. އާރުލާ މަސައްކަތެއް ކުރުމަކީ ވަކި ނަސްލެއް، ޖިންސެއް އަދި އުމުރެއްގެ މީހަކަށް އޮތް ކަމެއް ނޫނެވެ. ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ޒިއްމާދާރު ކޮންމެ މީހަކުމެ މަސައްކަތް ކުރާނެއެވެ. ހަރުދަނާ ކޮންމެ މީހަކީ އެމީހަކާއި އެމީހެއްގެ ޢާއިލާއަށް ފާގަތި އުފާވެރި މުސްތަޤުބަލެއް ހޯދައި ދެވޭތޯ ގަދައަަޅައި ބުރަ މަސައްކަތްކުރާ މީހުންނެވެ.
ކޮންމެ މަސައްކަތެއް ކުރިޔަސް އިޚްލާޞްތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ވަޒީފާގެ މާހައުލުގައި މަސައްކަތްތެރި މީހަކަށް ވާން އަޒުމާއެކު ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ވަޒީފާގެ މާހައުލުގައި ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެ ކަންކަމަށް ފަރުވާކުޑަކުރުމަކީ ވަފާތެރި، އިޚްލާޞްތެރި މުވައްޒަފެއްގެ ކިބައިގައި ހުންނާނޭ ސިފައެއް ނޫނެވެ.
ދާދި ފަހުން ރާއްޖޭގައި އިއްވި ހުކުރު ޚުޠުބާއެއްގައި ވަނީ މުވައްޒަފުން ސަމާލުކަންދޭންހޭ ކަންކަމަށް އަލިއަޅުވާލާފައެވެ. މަސައްކަތްތެރީންގެ ހައްގުތައް ބަޔާންކޮށް ޚުޠުބާގައިވަނީ މަސައްކަތްތެރީން އަދާކުރަންޖެހޭ ހައްގުތައް ވެސް ހަނދާންކޮށްދީފައެވެ. ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއް ކަމަށާއި އެގޮތުން މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެއް ކަމަށް ބުނެދިނެވެ. މަސައްކަތުގެ ރޫޙު ގެއްލޭ ކަމެއްކަން ހަނދާންކޮށްދީ ޚުޠުބާގައިވަނީ އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.
ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށާއި، ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނުހެދުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައިވެއެވެ. ޚުޠުބާގައި ބުނީ މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުން ކަމަށެވެ. ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހޭ ކަމަށެވެ. އޭނާ ހެއްދެވި މަޤުޞަދު މަތިން ހަނދާންކޮށް އެމަޤުޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ވަޒީފާއެއްގައި އުޅޭއިރު ތަފާތު ކަންތައްތައް ތަހައްމަލުކުރަން ޖެހޭނެއެވެ. ތަފާތު މިޒާޖުތަކުގެ މީހުންނާ ބައްދަލުވެ، އެތައް އައު ކަމެއް ތަޖުރިބާކުރަންޖެހިދާނެއެވެ. ލުއިފަސޭހަ ދުވަސްތަކާއި ބުރައުނދަގޫ ދުވަސްތައް އައިސްހިނގައިދާނެއެވެ. ދުނިޔޭގެ ހަގީގަތަކީ މިއީކަން ގަބޫލުކޮށް، ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލާންވާނެއެވެ. ގޯސް އެންމެ ތަޖުރިބާއަކުން ކުރިމަގު ބަނަވިޔަ ނުދޭށެވެ. ވެއްޓިއްޖެނަމަ މާބާރަށް ތެދުވެ ކުރިއަށްދާށެވެ. އައު ކޮންމެ ދުވަހަކާއެކު އައު ކަންތައްތަކެކެވެ. މޮޅު ހަރުދަނާ މީހަކަށް ވެވޭނީ ގޯސްތައް ހެދި އެ ގޯހުން ފިލާވަޅު ދަސްވެގެންނެވެ. ކުރިއަށް ދެވޭނީ އުނދަގޫތައް ވެސް ގިރާކޮށްނެވެ. ހީނާފަތުން މިސާލު ނަގަމާ ހެއްޔެވެ؟ ބަލަގަ އެއަށް ކުލަ އެ އަންނަނީ ހާދަހާ ވަރަކަށް ފުނޑައިގެންނެވެ.
އަޅުންކުރާނީ މަަސައްކަތެވެ. ކާމިޔާބުދެއްވާނީ ގަދަ ކީރިތިވަންތަ މާތްﷲއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން