.jpg&w=3840&q=75)
އިނގިރޭސިވިލާތަށް ނިސްބަތްވާ ސޯމާލިއާގެ ބޮކްސިން ތަރި ރަމްލާ އަލީ،
ރަމްލާ އަލީގެ ތާރީޚީ ކާމިޔާބީ: ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ހޯދައިފި

އާމިނަތު ޝަޒްލާ - 10 ނޮވެމްބަރު 2026 - 03:17
އިނގިރޭސިވިލާތަށް ނިސްބަތްވާ ސޯމާލިއާގެ ބޮކްސިން ތަރި ރަމްލާ އަލީ، އުމުރުން 37 އަހަރުގައި އޭނާގެ ބޮކްސިން ކެރިއަރުގެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށް، ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި އާދީއްތަ ދުވަހު ބޭއްވި 10 ރައުންޑުގެ މި މެޗުގައި ރަމްލާ ކުރި ހޯދީ އެމެރިކާގެ ބޮކްސިން ތަރި މިކިއާ ކްރެޕްސްއާ ވާދަކޮށް 'ސްޕްލިޓް ޑިސިޝަން' އަކުންނެވެ.
މި ކާމިޔާބީއާއެކު، ހުސްކޮށް އޮތް ވޯލްޑް ބޮކްސިން އޯގަނައިޒޭޝަން (WBO) އަދި އިންޓަނޭޝަނަލް ބޮކްސިން ފެޑެރޭޝަން (IBF) ގެ ޖޫނިއާ ފެދަރވެއިޓް ދުނިޔޭގެ ޗެމްޕިއަންކަން އޭނާ ވަނީ ކަށަވަރުކޮށްފައެވެ.
.jpg&w=3840&q=75)
ވަރަށް ވާދަވެރިކޮށް ދިޔަ މި ކުރިމަތިލުމުގެ ތިންވަނަ ރައުންޑުގައި ރަމްލާ ވަނީ އޭނާގެ އިދިކޮޅު ކުޅުންތެރިޔާ ވައްޓާލާފައެވެ. ނަމަވެސް، މެޗުގެ ބާކީ ބައިގައި ކްރެޕްސް މޮޅަށް ކުޅެފައިވާތީ، ފަނޑިޔާރުންގެ ނިންމުމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މެޗުގެ ނަތީޖާ ކަނޑައެޅިއިރު ދެ ފަނޑިޔާރަކު ރަމްލާއަށް ތާއީދުކުރިއިރު، ތިންވަނަ ފަނޑިޔާރު ވޯޓު ދިނީ ކްރެޕްސް މޮޅުވި ކަމަށެވެ.
ސޯމާލިއާއަށް އުފަން ރަމްލާ އަކީ އެ ގައުމުގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް އާއިލާއާއެކު ލަންޑަނަށް ހިޖުރަކުރި މީހެކެވެ. އޭނާ ވަނީ ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ސޯމާލިއާ ތަމްސީލުކޮށް، އޮލިމްޕިކްސްގައި ވާދަކުރި ސޯމާލިއާގެ ފުރަތަމަ ބޮކްސިން ތަރީގެ ޝަރަފު ހޯދާފައެވެ.
މި ކާމިޔާބީއަށްފަހު ވަރަށް އަސަރާއެކު ވާހަކަދައްކަމުން ރަމްލާ ބުނީ، މި ކާމިޔާބީ ހަދިޔާކުރަނީ އޭނާގެ މަރުވެފައިވާ ބައްޕައަށް ކަމަށެވެ. އަދި އޭނާގެ މި ދަތުރަކީ ހާއްސަކޮށް ސޯމާލިއާގެ ޒުވާނުންނަށް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ރަމްލާގެ މި ތާރީހީ ކާމިޔާބީއަކީ އޭނާގެ ކުޅިވަރު ކެރިއަރުގެ މުހިންމު ފާހަގައެކެވެ. އަދި މިއީ ރެފިއުޖީއެއްގެ ގޮތުގައި ފެށި ދަތުރު ދުނިޔޭގެ ޗެމްޕިއަނަކަށް ބަދަލުވެގެން ދިޔަ ހައިރާންކުރުވަނިވި ވާހަކައިގެ އާ ބާބެކެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާގެ ކާރުހާނާއެއްގައި ހިނގި ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ!
2 ގަޑިއިރު ކުރިން

ރަސްމާލެ ޑީލުން ލިބޭ ގެއްލުމުގެ ބަދަލު ނަގާނީ ރައީސް މުއިއްޒުގެ ގެދޮރު ވިއްކައިގެން: އަލީ ހުސެއިން
2 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން 'ކާނިވާ 44' ބާއްވަނީ!
7 ގަޑިއިރު ކުރިން

ފެންނަ ނުފެންނަ ވޯޓެއް ނުނަގަން ރައީސް ވިދާޅުވުމުން އެކަމުގައި އޮޅުވާލުން އެބަ އޮތް: ފައިސަލް ނަސީމް
8 ގަޑިއިރު ކުރިން


