
ރަސްމާލެ ޑީލުން ލިބޭ ގެއްލުމުގެ ބަދަލު ނަގާނީ ރައީސް މުއިއްޒުގެ ގެދޮރު ވިއްކައިގެން: އަލީ ހުސެއިން

ރިޟްވާން މޫސާ - 10 ނޮވެމްބަރު 2026 - 13:44
ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ވިއްކާލައިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގާނީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ގެދޮރު ވިއްކައިގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ގައުމީ ހަރަކާތުގެ އިސް ތަރުޖަމާން އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ ބިން ދިވެހިންނަށް މި ނަމުގައި ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަސްލުޓީ"ން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ރަސްމާލޭގެ ބިން އެއީ ރައްޔިތުންގެ މުދަލެއް ކަމަށާއި އެއީ ރައީސުލްޖުހޫރިއްޔާ އަކަށް ހުންނެވި ބޭފުޅެއްގެ ތަރިކަ މުދަލެއް ނޫން ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދޭން ރައީސް މުއިއްޒު ނިންމެވީ ރައްޔިތުން އެދިއެދި ތިއްބައި ކަމަށާއި، މި ކަމުގައި އެއްވެސް ރައްޔިތެއްގެ ޙިޔާލެއް މަޝްވަރާއެއްވެސް ނުހޯއްދަވާނެ ކަމަށް ރައީސް މުއިއްޒު ފާޅުގައި ވިދާޅުވެފައިވާ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ މިކަމުގެ ގެއްލުމުގެ ބަދަލު ނަންގަވަންޖެހޭނީ ސަރުކާރުން ނުވަތަ ދައުލަތުގެ ބަޖެޓުން ނޫން ކަމަށާއި، ބަދަލު ދޭންޖެހޭނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ އަކަށް މިހާރު ހުންނެވި ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށެވެ.
"މި ރަސްމާލޭގެ މައްސަލައިގައި ދުބާއީގެ އެ ވިދާޅުވާ ކުންފުންޏަށް ބަދަލު ދޭން ޖެހުނަސް އެ ބަދަލެއް ނަންގަވަން ޖެހޭނީ ސީދާ ރައީސް ޑރ މުއިއްޒުގެ މުދަލުން. މުއިއްޒުގެ ގެ ވިއްކައިގެން މުދާ ވިއްކައިގެން މިކަމުގެ ބަދަލު ދޭންޖެހޭނީ. އެކަންވެސް ކުރާނަން އެދުވަހަކުން. މީކީ ދައުލަތުން ނުވަތަ ރައްޔިތުން ޒިންމާވާންޖެހޭ ކަމެއް ނޫން. " އަލީ ހުސެއިން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވަޒަން ވެރިވުމުން ދިވެހިރާއްޖޭގެ ގޮތުގައި މިތަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އީގަލް ހިލްސް އަށް ރަސްމާލޭގައި މަޝްރޫއު ހިންގަން ދިނުމުގެ ކުރިން ރައްޔިތުންގެ ބަހެއް އެކަމުގައި ހޯދަންޖެހޭނެ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެކަމުގައި ރައްޔިތުންގެ ހުއްދަ ހޯދަންޖެހޭނެ ކަަމަށް އަލީ ހުސެއިން ތަކުރާރުކޮށް ފާހަގަ ކުރެއްވެވި އެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ ފަސްސަތޭކަ ހެކްޓަރުގެ ބިން، އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ވިޔަފާރި އެއްބަސްވުމުގެ ކޮމާޝަލް ޓާރމްސްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާގެ ކާރުހާނާއެއްގައި ހިނގި ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ!
2 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން 'ކާނިވާ 44' ބާއްވަނީ!
7 ގަޑިއިރު ކުރިން

ފެންނަ ނުފެންނަ ވޯޓެއް ނުނަގަން ރައީސް ވިދާޅުވުމުން އެކަމުގައި އޮޅުވާލުން އެބަ އޮތް: ފައިސަލް ނަސީމް
8 ގަޑިއިރު ކުރިން

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި!
9 ގަޑިއިރު ކުރިން


