logo
ކުޅުދުއްފުށީ ސިޓީ ކައުންސިލް، ފޮޓޯ: ކުޅުދުއްދުށީ

ކުޅުދުއްފުށީ ސިޓީ ކައުންސިލް، ފޮޓޯ: ކުޅުދުއްދުށީ

އެންސްޕާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 12:06

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދެމުންގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ބައެއް ޕްރޮގްރާމްތަކުގައި ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އިޢުލާނެއް ނެރެފައެވެ.

https://wamco.com.mv/

ކައުންސިލުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެންސްޕާއިން ފޯރުކޮށްދޭ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު" ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، މި އެހީތައް ޙައްޤުވާ ފަރާތްތަކަށް އެހީ ދޫކުރެވެނީ މީލާދީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މެދުކެނޑުމެއްނެތި އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން 'ވަންގަވް' ޕޯޓަލް (https://one.gov.mv) މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

މިގޮތުން އަލުން ރަޖިސްޓަރީވާންޖެހޭ ޕްރޮގްރާމްތަކުގެ ތެރޭގައި ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީގެ އިތުރުން، ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ހިމެނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީގެ ފައިސާ ދޫކުރެވޭނީ، އައު ފޯމެއް މެދުވެރިކޮށް އަލުން އެދުމުން، އެހީ ދިނުމުގެ މިންގަނޑުތަކަށް ބަލައި ޝަރުޠު ހަމަވާނަމައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

https://wamco.com.mv/
tel:+9607331319