
މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވަޒީރު ޑރ އަލީ ހައިދަރު / ފޮޓޯ: މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ
މަތީތައުލީމާއި ތަމްރީން ހޯދަން ދޭ ލޯނަށް އެދުމަށް ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 11:59
ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ދޮރު، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ އިން މިއަދު ހުޅުވާލައިފިއެވެ.
މި ލޯނު ސްކީމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 އާ ދެމެދުގެ ކޯސްތަކަށެވެ. މީގެ އިތުރުން، ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަން އަދި މެޑިކަލް ފެލޯޝިޕް ފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލޯނު ދޫކުރުމުގައި ބޮޑު އިސްކަމެއް ދީފައިވަނީ ގައުމީ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކަށެވެ. އެގޮތުން 'ނޭޝަނަލް ޓްރޭނިންގ ނީޑްސް ލިސްޓް' ގައި ހިމެނޭ ފަންނީ (ހައިލީ ޓެކްނިކަލް) ދާއިރާތަކާއި އެހެނިހެން މުހިންމު ރަންގަޅު ދާއިރާތަކުން މީހުން ބިނާކުރުމަށް މި ސްކީމްގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.
ހަމައެއާއެކު، މިހާރު ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ދަރިވަރުގެ ބާރު ނުފޯރުވާ ކަމެއް ދިމާވެގެން ކަނޑައެޅިފައިވާ މުއްދަތަށް ކިޔެވުން ނިންމާނުލެވޭ ފަރާތްތަކަށް ދޭ 'ޓޮޕް-އަޕް' ލޯނަށް އެދުމުގެ ފުރުސަތުވެސް މި ފަހަރު ވަނީ ހިމަނާފައެވެ. އަދި ކިޔަވާ ނިމިގެން ނުވަތަ ކިޔަވަމުންދާ ދާއިރާއަކުން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ލައިސަންސް) ހޯދުމަށް ފުރިހަމަކުރަންޖެހޭ އިންޓާންޝިޕްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.
ހުރިހާ ޚަރަދެއް ލޯނުގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމަށް އިޢުލާންކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށް ލޯނު ދޫކުރާނީ، އިޢުލާންކުރެވިފައިވާ ގައުމުތަކުގެ ހަރަދާއި ދަރިވަރު އިޚްތިޔާރުކުރާ ޤައުމުގެ ޚަރަދުތައް އަޅާކިޔުމަށްފަހުގައެވެ.
ލޯނު ހަމަޖައްސައިދޭނީ ދަރިވަރަށް އެންމެ ޚަރަދު ކުޑަކޮށް ކިޔެވުން ނިންމާލެވޭނެ އަދި ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކަކަށް ބަލައިގެން ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިދިޔަ އަހަރު ލޯނުގެ ފުރުޞަތުތައް ހުޅުވާލުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަރިވަރުންގެ ލޯނުތަކުން ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް އުނިކޮށްދެއްވާފައެވެ. މިއާއެކު މި ލޯނުތަކަކީ ފުރިހަމައަށް ޝަރީއާ ކޮމްޕްލަޔަންޓް ނުވަތަ އިސްލާމީ ޝަރީޢަތުގެ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ވަނީ ބަދަލުކުރެވިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދަރިވަރަކަށް ދޫކުރާ އަސްލު ފައިސާގެ އިތުރަށް އެއްވެސް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ލޯނު ދޫކުރުމުގެ އުސޫލަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ލޯނަށް އެދި ހުށަހެޅުމަށް ވަކި ސުންގަޑިއެއް ކަނޑަނޭޅުމެވެ.
މުޅި އަހަރުގެ ކޮންމެ ވަގުތެއްގައިވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު މަގްސަދަކީ، ލޯނަށް އެދުމުގެ ފުރުސަތު ގެއްލިގެން އެއްވެސް ދަރިވަރަކު މަތީ ތަޢުލީމުން މަޙްރޫމްވިޔަ ނުދިނުމެވެ.
މި އަމާޒަށް ވާޞިލުވުމަށްޓަކައި، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވަނީ މުޅި އަހަރު ދުވަހު ލޯނު އެޕްލިކޭޝަން ބަލައިގަންނަ ގޮތަށް ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް: ފުލުހުން
ގަޑިއިރެއް ކުރިން

ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދެއް ނުކުރަން: ރައީސް މައުމޫން
ގަޑިއިރެއް ކުރިން

އޭޕްރިލް 04 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި
ގަޑިއިރެއް ކުރިން

އެމްޑީޕީ އިން އޭސީސީ ދޮށުގައި މުޒާހަރާކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)