
ކުރީގެ ނޫސްވެރިޔާ އަޒާން (ކ) އާއި ދައުރުގެ އެޑިޓަރު މޫސާ ލަތީފް (ވ)
"ދައުރު"އިން ޝާއިއުކުރި އަޒާންގެ ވާހަކަ ހިމެނޭ ލިޔުން "ޑްރާފްޓް"އަށް ބަދަލުކުރަން އަމުރުކޮށްފި!

ރިޟްވާން މޫސާ - 10 ޖޫން 2026 - 12:46
ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫގުގެ ވާހަކަ ލިޔުއްވައިފައިވާ ރިޕޯޓު 'ޑްރާފްޓް'އަށް ބަދަލުކުރުމަށް، ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ދައުރު ނޫހުގެ މައްޗަށް ކޮށްފި އެވެ.
'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަޠީފް އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅެވެ.
މޫސާގެ މައްޗަށް ދައުވާ އުފުލައިފައިވަނީ 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުޚީގެ ދަށުން ލިޔެފައިވާ އާޓިކަލަކާ ގުޅިގެންނެވެ.
އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ނެގުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ.
މީގެ އިތުރުން، އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ޚަރަދަށް ހިނގި 28،670 ރުފިޔާގެ އިތުރުން، މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.
އަދި މި މައްސަލަ ބަލައި ނިމެންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެހެން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ. އަމުރުގައިވަނީ، އަޒާން އެދިފައިވާ ގޮތަށް އަމުރު ނުނެރެފިނަމަ، މޫސާ ލިޔުއްވި އާޓިކަލް ގިނަ މީހުންނަށް ފެނި، އޭގެ ސަބަބުން އަޒާންގެ އަބުރަށް ލިބިފައިވާ ގެއްލުމަށްވުރެ އިތުރަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި، ހިމާޔަތްކޮށްދޭންޖެހޭ ގާނޫނީ ހައްގެއް ފެންނަން އެބައޮތް ކަމަށް، އަމުރުގައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް!
3 ގަޑިއިރު ކުރިން

އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
3 ގަޑިއިރު ކުރިން

އެޗްޑީސީން ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ
4 ގަޑިއިރު ކުރިން

އިސްލާމިކް ބޭންކިންގެ ދިރާސާވެރިން ބައިވެރިވާ ކޮންފަރެންސެއްގައި އެމްއައިބީއިން ބައިވެރިވެއްޖެ!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)