logo

މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ތަނެއް، ބަންދުކޮށްފި

profile

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 11:15

އައްޑޫ ސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ތަނެއް، އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއެކު ފުލުހުން ބަންދުކޮށްފިއެވެ.

https://wamco.com.mv/

މަސްތުވާތަކެތި ބޭނުންކުރުމަށް ފުރުސަތު ދޭ ކަމަށް ތުހުމަތުކުރެވޭ މަރަދޫފޭދޫ "އުއްމީދު" ނަމަކަށް ކިޔާ އެ އިމާރާތް ބަންދުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން، މަރަދޫފޭދޫ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މިފަދަ އަމުރެއްގެ ދަށުން ބަންދުކުރާ ތަންތަނަށް، ކަނޑައެޅިފައިވާ މުއްދަތުގައި ހުއްދަނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. ފުލުހުންގެ އިދާރާއިން ހަނދާންކޮށްދީފައިވާ ގޮތުގައި، މިފަދަ ތަންތަނަށް ވަނުމާއި، އެ ތަންތަނުގެ ސީލް ނައްޓާލުން ނުވަތަ ގެއްލުން ދިނުމަކީ ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ އަމަލުތަކެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ލާމިޔާގެ" ވެސް ވަނީ މިފަދަ ގޮތަކަށް 90 ދުވަހަށް ބަންދުކޮށްފައެވެ. އެ ގެ ބަންދުކޮށްފައި ވަނިކޮށް، ގަވާއިދާ ހިލާފަށް އެތަނަށް ވަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީ ފުނާޑު އަވަށުގެ "ގުލިސްތާނުގެ" ގައި ހިންގަމުންދިޔަ މަސްތުވާތަކެތީގެ ކެފޭއެއްވެސް މިދިޔަ މެއި މަހު ވަނީ ބަންދުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ގާނޫނުން ލިބިދޭ ބާރުގެ ދަށުން، މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk