
ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ޝަހްޒާ މުޙައްމަދު - 08 ނޮވެމްބަރު 2025 - 12:10
ނޮވެމްބަރު މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު %12.3 އިތުރުވެފައިވާ ކަމަށް ޓުރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އިތުރުވުން އައިސްފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށިފައިވާ ދަނޑިވަޅެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ. އެގޮތުން، ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް 32،895 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ %12.3 އިތުރު އަދަދެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ނޮވެމްބަރު މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދުވެސް ވަނީ ފާއިތުވެދިޔަ 8 މަސްދުވަހާއި އަޅާބަލާއިރު އިތުރުވެފައެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް ރާއްޖެއަށް 3 ލައްކައާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 233،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި އަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް ޖުމްލަ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.






