logo
ސިއެޓަލް ސައުންޑާސް އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން..

ސިއެޓަލް ސައުންޑާސް އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން..

ކުލަބު ވޯލްޑްކަޕް: ސިއެޓަލް ސައުންޑާސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޕީއެސްޖީ އިން ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 23 ޖޫން 2025 - 22:33

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިރޭ ޔޫރަޕްގެ ޗެންޕިއަން ،ޕީއެސްޖީ އާއި އެމެރިކާގެ ސިއެޓަލް ސައުންޑާސް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގައި ސިއެޓަލް ސައުންޑާސް ކުޅުނު ފުރަތަމަ މެޗުގައި ބޮޓަފޯގޯ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އެތްލެޓިކޯ މެޑްރިޑް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ޕީއެސްޖީގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ބޮޓަފޯގޯ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައިމޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑަކީ ސިއެޓަލް ސައުންޑާސްގެ ޕެނަލްޓީ އޭރިއާ ބޭރުން ޕީއެސްޖީގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނައާ ގޯލަށް ފޮނުވާލި ބޯޅައެއް ކުރިމަތީގައިހުރި އެޓީމުގެ ޖޯޖިއާ ފޯވާޓް ޚަވިޗާ ކަވަރަޓްސްޚޭލިއާގެ ބުރަކަށީގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ގޯލަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ޕީއެސްޖީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށއ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިއެޓަލް ސައުންޑާސް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޕީއެސްޖީ އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ސިއެޓަލް ސައުންޑާސް އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

https://etukuri.mv/
https://www.aslu.com.mv