logo

ނަބަވީ ބޭސްވެރިކަން

profile

ޒިދާން މުޙައްމަދު - 16 ޖުލައި 2025 - 04:59

އަހަރެމެންނަކީ މުސްލިމުންނެވެ. ޝައްކެތްވެސް ނެތް ގޮތުގައި، އަހަރެމެން މުސްލިމުންގެ މެދުގައި ނަބަވީ ބޭސްފަރުވާއަށް ޚާއްޞަ މަޤާމެއް ލިބިގެންވެއެވެ.

https://wamco.com.mv/

މާތް ރަސޫލާ ﷺ މީހެއްގެ ބަނޑުގެ ބަލީގެ ފަރުވާއަށް މާމުއި ބޭނުންކުރުމަށް އިރުޝާދު ދެއްވި ވާހަކަ ބަޔާންކުރެއްވުމަށްފަހު، އަލް އިމާމް އިބްނުލް ޤައްޔިމް رحمه الله އެކަލޭގެފާނުގެ ޒާދުލް މަޢާދު (3/97-98) ގައި ވިދާޅުވެފައިވެއެވެ.

“އަދި އެކަލޭގެފާނު ﷺގެ ބޭސްވެރިކަމަކީ އެހެން ޑޮކްޓަރުންގެ ބޭސްވެރިކަމާ އެއްފަދަ އެއްޗެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ ﷺ ގެ ބޭސްވެރިކަމަކީ ޔަޤީންކަން ހުރި، ކަނޑައެޅިގެން އެނގޭ، އިލާހީ، ވަޙީގެ މައްޗަށް ބިނާވެފައިވާ، ނަބަވީ ނޫރުގެ އަލީގައި އަދި އެންމެ ފުރިހަމަ ބުއްދީގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެން މީހުންގެ ބޭސްވެރިކަމުގެ ގިނަ ބައި ބިނާވެފައި ވަނީ ލަފާކުރުމާއި، ހީކުރުމާއި، ތަޖުރިބާގެ މައްޗަށެވެ. ނަބަވީ ބޭސްވެރިކަމުން ގިނަ ބަލިމީހުންނަށް ފައިދާ ނުވާކަމަށް ދެކޮޅު ހަދައިގެން ނުވާނެއެވެ. ސަބަބަކީ އެއިން ފައިދާ ލިބޭނީ އެކަން ފުރިހަމައަށް ޤަބޫލުކޮށް، އޭގެ ޝިފާދެނިވި ކަމަށް ޔަޤީންކޮށް، އީމާންކަމާއި ކިޔަމަންތެރިކަމާއެކު ފުރިހަމައަށް ބަލައިގަންނަ މީހުންނަށެވެ. މި ޤުރްއާނަކީ ހިތްތަކުގައިވާ ބައްޔަށް ޝިފާއެކެވެ. މިފަދައިން އެ ބަލައިނުގަތުމުން، ހިތްތަކުގެ ބަލިތަކަށް ޝިފާ ނުލިބޭނެއެވެ. އަދި ކިއެއްތަ، މުނާފިޤުންގެ ނުބައިކަމާއި ބަލި އިތުރުވެގެން ދިޔުން ނޫން އެހެން އެއްވެސް ކަމެއް ނުވާނެއެވެ. އެހެންކަމުން، ޖިސްމާނީ ބޭސްވެރިކަން މިއާ އަޅާބަލާއިރު ކިހިނެއްތޯއެވެ؟ ނަބަވީ ބޭސްވެރިކަން އެކަށީގެންވަނީ ހަމައެކަނި ރަނގަޅު ހަށިގަނޑުތަކަށެވެ. ހަމަ އެފަދައިން ޤުރްއާނުގެ ޝިފާ އެކަށީގެންވަނީ ހަމައެކަނި ރަނގަޅު ފުރާނަތަކާއި ދިރުންހުރި ހިތްތަކަށެވެ. އެހެންކަމުން، މީސްތަކުން ނަބަވީ ބޭސްވެރިކަމުން އެއްކިބާވުމަކީ ޙަޤީޤީ ޝިފާ ކަމުގައިވާ ޤުރްއާނުން ޝިފާ ހޯދުމުން އެއްކިބާވުމާ އެއްފަދަ ކަމެކެވެ. އަދި މިއީ ފަރުވާގެ އުނިކަމެއްގެ ސަބަބުން ނޫނެވެ. އެހެނެއްކަމަކު، ޠަބީޢަތުގެ ނުބައިކަމާއި، ބަލީގެ ތަނުގެ ހަލާކުވުމާއި، އެކަން ޤަބޫލުނުކުރުމުގެ ސަބަބުންނެވެ. އަދި ﷲ އީ ތައުފީޤު ދެއްވާ ފަރާތެވެ.”

ނަބަވީ ބޭސްވެރިކަމަކީ ވަޙީގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިގެން އެނގޭ އަދި އިލާހީ އެއްޗެކެވެ. ނަމަވެސް ޑޮކްޓަރީގެ ބޭސްވެރިކަން ގިނައިން ބިނާވެފައިވަނީ ލަފާކުރުމާއި، ހީކުރުމާއި، ތަޖުރިބާގެ މައްޗަށެވެ.

ނަބަވީ ބޭސްވެރިކަމުން ފައިދާ ލިބޭނީ އެކަން ފުރިހަމައަށް ޤަބޫލުކޮށް، އޭގެ ޝިފާދެނިވި ކަމަށް ޔަޤީންކޮށް، އީމާންކަމާއި ކިޔަމަންތެރިކަމާއެކު ބަލައިގަންނަ މީހުންނަށެވެ. ކީރިތި ޤުރްއާނަކީ ރޫޙާނީ ބަލިތަކަށްވާ ޝިފާއެކެވެ. ހަމައެފަދައިން ނަބަވީ ބޭސްވެރިކަމަކީ ޖިސްމާނީ ބަލިތަކަށްވާ ޝިފާއެކެވެ.

ނަބަވީ އިރުޝާދުތަކުގައި ބުނެދެއްވާފައިވާ ފަރުވާގެ ތެރެއިން ކަވާޖެހުން ނުވަތަ ހިޖާމާ ޖެހުމަކީ މިހާރު މަގުބޫލު ފަރުވާއެކެވެ. މިއީ އަހަރުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺގެ ޒަމާނުގައި ބޭސްވެރިކަމުގެ ތެރޭގައި ހިމެނުނު އާންމު ފަރުވާއެކެވެ. ބޮލުގެ ފަހަތުން ދެކަންފަތް ކައިރިއާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ހިޖާމާޖެއްސެވި ކަމަށް އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. މިކަން އިބްނު އައްބާސްގެ ބަސްފުޅަކުންވެސް ސާބިތު ވެއެވެ. ރަސޫލާ ﷺ ހިޖާމާ ޖެއްސެވިކަމާއި އެހެންކަމުން އެއީ ހުއްދަކަމެއް ކަމަށް ހިލާފެއް ނެތި ހުރިހާ އިލްމުވެރިންވެސް އިއްތިފާގު ވެއެވެ.

ރަސޫލާ ﷺ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިވެއެވެ.

"ތިމަން ކަލޭފާނު އިސްރާ ކުރެވުނު ރޭ، އޭ މުޙައްމަދުއެވެ! ކަލޭގެފާނުގެ އުންމަތަށް ހިޖާމާ ޖެހުމަށް އަމުރުކުރައްވާށެވެ!" މިހެން ވިދާޅުނުވާ މަލާއިކަތް ބޭކަލެއް ތިމަންކަލޭފާނާ ބައްދަލެއް ނުވެއެވެ."

"ހިޖާމާ ޖެހުމަކީ އެންމެ ގިނަ ބަލިތަކަށް ޝިފާ ލިބޭ ފަރުވާ" ކަމާއި ފުރަގަހުކަރަށް/ކަނދުރާއަށް ޙިމާޖާ ޖެހުމަކީ 72 ބައްޔަކަށް ޝިފާ ލިބޭ ފަރުވާއެއް" ކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ހިޖާމާ ޖެހުމަކީ ލޯއަލިވާ ކަމެއް ކަމަސްވެސް ޙަދީޘްފުޅުގައި އައިސްފައިވެއެވެ.

ބަލިވުމުން ބޭސްކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާކަމެކެވެ. އަދި ނުހަނު ބާރުއަޅުއްވާފައިވާކަމެއްވެސްމެއެވެ. އެއީ އެއްވެސް ޙާލެއްގައި ﷲއަށް ތަވައްކުލުކުރުން ނަފީކުރާ ކަމެއްނޫނެވެ. އެހެނީ ސަބަބުތަކުގައި ހިފުމަކީ ތަވައްކުލުކުރުމުގެ ތެރެއިންވާކަމެކެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ތަފާތު އެކިބަލިތަކުން ޝިފާހޯދުމަށްޓަކާ އަހަރެމެންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ހިޖާމާ ޖެހުމެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay