ޝަހީދުންގެ ދުވަހާއި މިނިވަންދުވަހާއި ނަޞްރުގެ ދުވަސް އޮޅުވާނުލަމާ!
ޒިދާން މުޙައްމަދު - 03 ނޮވެމްބަރު 2024 - 06:51
ޝަހީދުންގެ ދުވަހަކީ ކޮބާ؟
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގައި ބަލަނީ ޚިޖުރީ ތާރީހުން ޝަޢުބާންމަހުގެ 1 ވަނަ ދުވަހަށެވެ.
މިނިވަން ދުވަހަކީ ކޮބާ؟
ރާއްޖޭގެ ތާރީޚުން ފެންނަން އޮތީ ފެށުނީއްސުރެ މި ރާއްޖެއަކީ މިނިވަން، ޤައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައިއޮތީ، ހަމައެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށްވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މިޤައުމުގައި ސާބިތުވެ ތިބެވުނު ތިން މަހާއި ވިހި ދުވަހުއެވެ.
މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.
އަށާރަ ސަތޭކަ އަށްޑިހަހަތް ވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔައެވެ.
ނަޞްރުގެ ދުވަހަކީ ކޮބާ؟
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހަކީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ނޮވެމްބަރ 3 ވަނަދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނުން ދިވެހިން ސަލާމަތްވެ ނަޞްރު ލިބުމާގުޅިގެންނެވެ.
އިނގިރޭސި އިސްތިޢުމާރުގެ ނުފޫޒުން ރާއްޖެ މިނިވަންވިތާ 23 އަހަރު ފަހުން 1988 ވަނަ އަހަރު ދިވެހީންގެ ބަޔަކާއި ބޭރުގެ ހަނގުރާމަވެރި ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ޢުދުވާނީ ޙަމަލާއެއްދިނެވެ. މި ހަނގުރާމައިގައި ބޭރުން އައި މީހުންކުރެ އަތުލެވުނު މީހުންނަކީ ސްރީލަންކާގެ ޤާނޫނީ ސަރުކާރާ ދެކޮޅަށް އެ ދުވަސްވަރު ހަނގުރާމަކުރަމުން ދިޔަ ޖަމާޢަތެއްގައި ހިމެނޭ ބައެކެވެ. އެއީ ޓެމިލް އީލާމެވެ. ދިވެހި ސިފައިންގެ ހަމަލާތައް އަމާޒުވިތާ ގާތްގަނޑަކަށް 10ވަރަކަށް ގަޑި އިރުގެ ތެރޭގައި ދުޝްމަނުން ބަލިކޮށްލެވިއްޖެއެވެ. މި ދުވަސް ފާހަގަކުރެވެނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން