
މީރާގެ ޓެކްސް ޕޭޔަރ ކައުންޓަރ
މިދިޔަ މަހު މީރާއަށް 2.58 ބިލިއަން ރުފިޔާ!

އަހުމަދު ޒަލީފު - 10 ޖެނުއަރީ 2023 - 15:01
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 2.58 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ފާސްކުރީ 42.8 ބިލިއަންގެ ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.
މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 27.4 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އަދި މި އަހަރުގެ ޑިސެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 77 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
ޑިސެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 34.2 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީޒް ޕީރިއެޑް އެކްސްޑެންޝަން ޕީ އިންނެވެ. އެއީ 34.1 އިންސައްތައެވެ.
އަދި ދުނިޔޭގެ އިޤްޠިޞާދަށް ކުރާ ނޭދެވެ އަސަރުތަކުގެ ސަބަބުން، ޚާއްޞަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ސަރުކާރުން ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ ނިސްބަތުން ބޮޑުތަނުން އިތުރުވެ ރިޒާވްގެ ޙާލަތު ހީނަރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށް ސަރުކާރުން ހާމަކުރެއެވެ. މިގޮތުން 2023 ޖަނަވަރީ 1 އިން ފެށިގެން ޓީޖީއެސްޓީ 12% އިން 16% އަށް އިތުރުކުރުމާއި، ސާކް ފައިނޭންސް ފްރޭމްވަރކްގެ ދަށުން ރިޒަރވް ބޭންކް އެފް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭނުންޖެހިއްޖެ ޙާލަތެއްގައި އެކްސެސްވެވޭނެ 200 މިލިއަން ޑޮލަރުގެ ސްޓޭންޑްބައި ސްވޮޕް ފެސިލިޓީއެއް ހަމަޖައްސާފައި ހުރުމަކީ ރިޒާވް މެނޭޖްކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ





