
މާލޭގެ ބިންތައް ނަގަނީ ލާމަރުކަޒީ ނިޒާމު ނައްތާލަން: ޝާހިދު

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 11:35
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަކީ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެ ނިޒާމު އެއްކޮށް ނައްތާލުމަށްޓަކައި ސިލްސިލާކޮށް ރާވަމުން، ކުރަމުންދާ ކަންކަމަށް އިތުރުކޮށްލި ބޮޅެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުގެ މި ފިޔަވަޅަކީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މަރުކަޒީ ވެރިކަމަކަށް ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިއަދު މިކަން މާލެ ސިޓީއިން ފެށި ނަމަވެސް، މި ސަރުކާރުން މިކަން ނިންމާލާނީ ރާއްޖޭގެ އެހެން ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ވެސް ދައުލަތަށް ނަގައި، ކައުންސިލްތައް ބާރުނެތް ތަންތަނަށް ހަދައިފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި މާލޭގެ ބިންތައް ނެގި ނަމަވެސް، ޙަޤީގަތުގައި ސަރުކާރުގެ އަސްލު ބޭނުމަކީ މާލޭ ސަރަޙައްދުގައި އެމްޑީޕީން ހިންގަމުންދާ ސިޔާސީ ޙަރަކާތްތައް ހުއްޓުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން އަޑުއުފުލައި، އެއްވުންތައް ބޭއްވުމަށް ބޭނުންކުރާ ޢާންމު މައިދާންތަކާއި ތަންތަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަކީ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"މުޒާހަރާއެއް، ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާތަނެއް ނެގިޔަސް، އެމްޑީޕީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން. އެމްޑީޕީ ދާނީ އަދިވެސް ބާރަށް ކުރިއަށް،" ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނުއަސާސީގައި ކަނޑައަޅައި، 2010 ވަނަ އަހަރު ތަސްދީޤުކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަކީ އެމްޑީޕީގެ ވެރިކަމުގައި ތަޢާރަފުކުރި ނިޒާމެކެވެ. މީގެ ކުރިން ވެސް އެކި ވެރިކަންތަކުގައި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މާލީ އަދި އިދާރީ ބާރުތައް ހަނިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: މަޝްރޫޢުގެ އަގުގެ އޮޅުންބޮޅުން
4 މިނިޓު ކުރިން

އިންޑިއާއިން ދޫކޮށްފައިވާ 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވެޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފި
40 މިނިޓު ކުރިން

ޗައިނާ-މޯލްޑިވްސް "ހެލްތު ސިލްކް ރޯޑް-މަދަރ އެންޑް ޗައިލްޑް ހެލްތު" އެކްސްޗޭންޖް ޕްރޮގްރާމް އިފްތިތާޙްކޮށްފި
ގަޑިއިރެއް ކުރިން

ހުޅުމާލެއިން 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ބިމެއް ގަނެފި
ގަޑިއިރެއް ކުރިން


