
ޗައިނާ-މޯލްޑިވްސް "ހެލްތު ސިލްކް ރޯޑް - މަދަރ އެންޑް ޗައިލްޑް ހެލްތު" އެކްސްޗޭންޖް ޕްރޮގްރާމް އިފްތިތާޙްކޮށްފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 11:48
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޞިއްޙީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، މި އަހަރުގެ ޗައިނާ (ސިޗުއާން)-މޯލްޑިވްސް "ހެލްތު ސިލްކް ރޯޑް - މަދަރ އެންޑް ޗައިލްޑް ހެލްތު" އެކްސްޗޭންޖް ޕްރޮގްރާމް ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކުރުމަށްޓަކައި ޗައިނާގެ ސިޗުއާން ޕްރޮވިންސުން ރާއްޖެ ވަޑައިގެންނެވި ޚާއްޞަ އިއްޒަތްތެރި ވަފުދަށް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މިއީ ދެ ޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާއިން އޮންނަ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށާއި، ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ އިތުރުން، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތާއި ހުނަރު ހިއްސާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން، ދެ ޤައުމުގެ މައިންނާއި ކުޑަކުދިންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ފެށުނު މި މަސައްކަތުގެ ތެރެއިން، ދެފަރާތުގެ ދެމެދުގައި މުހިންމު ފަންނީ މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އައިޖީއެމްއެޗުން ފާހަގަކުރެއްވިއެވެ. އަދި މި ޒިޔާރަތަކީ ދެފަރާތަށްވެސް ފައިދާހުރި، ކާމިޔާބު އަދި އުފާވެރި ހަނދާންތަކަކުން ފުރިގެންވާ ޒިޔާރަތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. ވަކިން ޚާއްޞަކޮށް ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނިޝިއޭޓިވްގެ ދަށުން ހިންގޭ "ހެލްތު ސިލްކް ރޯޑް" މަޝްރޫޢުގެ ތެރެއިން، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި، ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް ޗައިނާއިން ދަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. މިގޮތުން ލޮލުގެ ފަރުވާއާއި، މައިންނާއި ކުޑަކުދިންގެ ޚާއްޞަ ފަރުވާ ފަދަ މުހިންމު ދާއިރާތަކުން ޗައިނާގެ މެޑިކަލް ޓީމުތަކުން މީގެ ކުރިންވެސް ރާއްޖޭގައި ކާމިޔާބު ކޭމްޕުތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
9 މިނިޓު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
12 މިނިޓު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
12 މިނިޓު ކުރިން

ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
13 މިނިޓު ކުރިން


