
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 13:07
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ، ކޮންމެ މަހަކު އެއްފަހަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓާއެކުގައެވެ.
މި ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި ނަމަވެސް، އިދިކޮޅު މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު، ފުރަތަމަ ކޮމިޓީ މަރުޙަލާ ނިންމައި ތަޅުމަށް ފޮނުވުމަށްފަހު ވެސް އިތުރު އިސްލާހުތަކެއް ގެނައުމަށްޓަކައި އަލުން ކޮމިޓީއަށް ފޮނުވުނެވެ.
އެއަށްފަހު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އިޢުލާނު ކުރެއްވި އިސްލާހުތައް ބިލުގައި ހިމެނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫޙެވެ.
ފާސްކުރެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ، ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭނެއެވެ.
ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސް ފަދަ ތަންތަނުން، އެ ތަންތަނަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުވެއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި، އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ މަތިން ބޭރު ފައިސާގެ އާމްދަނީ ލިބޭ އެހެނިހެން ފަރާތްތަކުން ވެސް، އެ ފަރާތްތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭނެ ކަމަށް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
ސައްތައިން ސައްތަ ދިވެހިންގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން މާރުކުރަން ޖެހޭނީ7 އިންސައްތައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
12 ގަޑިއިރު ކުރިން

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
14 ގަޑިއިރު ކުރިން

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި
14 ގަޑިއިރު ކުރިން


