
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 13:06
ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާޙު ފާސްކޮށްފައިވަނީ މި އިސްލާހާއި އެއްކޮޅަށް ވޯޓް ދެއްވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
މި ބިލު ފާސްކުރުމަށް މަޖިލީހުން ނިންމާފައިވަނީ، ބިލު ފާސްނުކުރުމަށް އެދި އަދި ބިލު އޮތްގޮތަށް ފާސްކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ދެ ޕެޓިޝަނަށްވެސް ރިއާޔަތްކުރުމެއް ނެތިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނެ އަބޫބަކުރު ހުށަހެޅުއްވި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ސަރަޙައްދެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު، އެ ތަނެއް ކައުންސިލުގެ ބާރުގެ ދަށުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ސަރުކާރުގެ މަޝްރޫޢަކަށް ބިން ބޭނުންވެއްޖެނަމަ އެ ބިމެއް ސަރުކާރާ ހަވާލުކުރަން ލާޒިމުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި ބިލުގެ ދަށުން ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑަށްވެސް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކައުންސިލަރުންނަށް ލާޒިމުކުރުމާއި، އެކަށީގެންވާ މަގްބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށްވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްލާހުތައް ގެންނަނީ މަޝްވަރާ ކުރެވިގެން، ފެކްޓް ބޭސްކޮށް: ރައީސް
17 މިނިޓު ކުރިން

ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
13 ގަޑިއިރު ކުރިން

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
15 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
15 ގަޑިއިރު ކުރިން


