
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް އިއްވައިފި

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 12:24
އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ކުށަށް އިޢުތިރާފުވުމާ ގުޅިގެން، އެ މީހުންގެ މައްޗަށް ގާތްގަނޑަކަށް ދޮޅު މަސްދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ އަޙްމަދު ރިޝްމާހާއި، މ. ކޯރަސް އަޙްމަދު ރައިހާމް ނަޢީމްގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް އުފުލިއެވެ. އެއީ މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. ޝަރީޢަތުގެ މަޖިލީހުގައި މި ދެ މީހުންވެސް ވަނީ އެ ދެ ދަޢުވާއަށް އިޢުތިރާފުވެފައެވެ.
އިޢުތިރާފާ ގުޅިގެން، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގައި ރިޝްމާހުގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް، ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، މި ދަޢުވާގައި ދެން ތަންފީޒުކުރަން ޖެހެނީ 20 ދުވަހުގެ ޖަލު ބަންދެކެވެ. އަދި ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބެއްގެ ގޮތުން އޭނާއަށް 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވުމުން، ޖުމްލަ ތަންފީޒުކުރަން ޖެހޭ މުއްދަތަކީ 38 ދުވަހެވެ.
މީގެއިތުރުން، ރައިހާމްގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ އިއްވާފައިވަނީ 27 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި ގައިގައި އަތްލުމުގެ ކުށް ސާބިތުވެ، އިތުރު 13 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ ކަނޑައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ، މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާ ނިންމަވާލެއްވުމަށްފަހު ސައިކަލުގައި ގެއަށް ވަޑައިގަންނަވަނިކޮށް، ވުޑްބެރީ ރެސްޓޯރެންޓް ކައިރިންނެވެ.
ކުށުގެ ރެކޯޑްތަކަށް ބަލާއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހުއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިންވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ.
މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ ރައިހާންއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފެލިވަރުގެ އާ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ
16 ގަޑިއިރު ކުރިން

ގޭސް ލީކުވި ހާދިސާ: ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާގެ ހާލު މިހާރު ސްޓޭބަލް
16 ގަޑިއިރު ކުރިން

ޓެލެގްރާމްގައި ބަރަހަނާ މަންޒަރު އާންމުކުރި 3 މީހަކު ޖަލަށްލާން ހުކުމްކޮށްފި
18 ގަޑިއިރު ކުރިން

ގެދޮރު އެޅުމަށާއި ގަތުމަށް މާލީ އެހީ ދިނުމުގެ އައު ޕްރޮގްރާމެއް ފަށަނީ
18 ގަޑިއިރު ކުރިން


