
ޓެލެގްރާމްގައި ބަރަހަނާ މަންޒަރު އާންމުކުރި 3 މީހަކު ޖަލަށްލާން ހުކުމްކޮށްފި

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 11:44
ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލްތައް ހަދައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކޮށްގެން ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ހިމެނޭ ތިން މީހަކު ޖަލަށްލުމަށާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ހުކުމްކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ އާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީގެ ދެ އަހަރު ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތިން މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތެއް ވަނީ ފާސްކޮށްފައެވެ. އަދި މި މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ 9 އެކައުންޓަކާއި، ބަރަހަނާ މަންޒަރު ދައްކުވައިދޭ 571 ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކުރިއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 (ދެލައްކަ ސާޅިސްއެއްހާސް ހަސްތޭކަ ފަންސާސް އެއް) ފޮޓޯއާއި 86،618 (އަށްޑިހަ ހަހާސް ހަސްތޭކަ އަށާރަ) ވީޑިއޯ ވަނީ ޕޯސްޓުކޮށްފައެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ވެސް ހިމެނެއެވެ. އަދި ހަމައެކަނި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ތަކެތި ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، މި ޗެނަލްތަކަށް ފައިސާ ދައްކައިގެން 34،680 މީހުން ސަބްސްކްރައިބް ކޮށްފައިވާއިރު، ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ނަހަމަގޮތުގައި ދެ މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްތަކަށް ބަލާއިރު:
- ޒުބައިރު ޢަލީ: އޮރިޔާން ކާޑު ގެންގުޅުމުގެ އެއް ދައުވާއަށް 18 ދުވަހުގެ ޖަލު ހުކުމެއް، ދެވަނަ ދައުވާއަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަދި ތިންވަނަ ދައުވާއަށް ނުވަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި އޭނާގެ މައްޗަށް ވަނީ ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 600،000 (ހަލައްކަ) ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ.
- އިސްމާޢީލް ޒަބީޙް: މަނީ ލޯންޑްރިންގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 (އެއްލައްކަ) ރުފިޔާގެ ޖޫރިމަނާއެކެވެ.
- ނާޞިފް ޢަލީ: މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 263،232 ރުފިޔާގެ ޖޫރިމަނާއެކެވެ.
މިއީ ރާއްޖޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިފަދަ ބޮޑު ނެޓްވޯކެއް ހިންގައިގެން ބަރަހަނާ މަންޒަރު އާންމުކޮށް، ނަހަމަ މަންފާ ހޯދި މައްސަލައެއްގައި މިހާތަނަށް ފިޔަވަޅު އެޅި އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެލިވަރުގެ އާ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ
16 ގަޑިއިރު ކުރިން

ގޭސް ލީކުވި ހާދިސާ: ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާގެ ހާލު މިހާރު ސްޓޭބަލް
16 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް އިއްވައިފި
17 ގަޑިއިރު ކުރިން

ގެދޮރު އެޅުމަށާއި ގަތުމަށް މާލީ އެހީ ދިނުމުގެ އައު ޕްރޮގްރާމެއް ފަށަނީ
18 ގަޑިއިރު ކުރިން


