logo

ގެދޮރު އެޅުމަށާއި ގަތުމަށް މާލީ އެހީ ދިނުމުގެ އައު ޕްރޮގްރާމެއް ފަށަނީ

profile

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 11:44

ގެދޮރު އެޅުމަށާއި ގެދޮރު ގަތުމަށް މާލީގޮތުން ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާލީ އެހީ ދިނުމުގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރު ބިނާކުރުމަށް ބޭންކުތަކުން ލޯނު ނެގުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވާތީ، ގެދޮރު ބިނާ ނުކުރެވި އެތައް ބަޔަކު އެބަތިބި ކަމަށެވެ. މިކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި 'ހިޔާވެހި ފައިނޭންސިންގ ސްކީމް' އަށްވެސް ބޮޑު ތަރުޙީބެއް ލިބިގެންދިޔައިރު، އެ ސްކީމުގެ ދަށުން ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރަން ނިންމާފައެވެ.

ނާޒީމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ގެދޮރު ބިނާކުރުމުގައި އިތުރަށް އެހީތެރިވުމަށްޓަކައި ބޭންކުތަކާ ގުޅިގެން އިތުރު ދެ ފައިނޭންސިންގ ޕްރޮގްރާމަކަށް ހުޅުވާލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ސްކީމުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ބިން އޮވެ، ގެދޮރު އެޅުމަށް މާލީ ދަތިކަން ހުރި މީހުން ބޭންކުތަކުން ލޯނަށް އެދޭއިރު، ލޯނުގެ އެންމެ މުހިންމު ޝަރުތު ކަމަށްވާ "އިކުއިޓީ" ގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ސަރުކާރުން އެހީތެރިވުމެވެ. މީގެއިތުރުން، ރަށްރަށުގައި ހިންގާ ފްލެޓް މަޝްރޫޢުތަކުން ނުވަތަ ހައުސިންގ ޔުނިޓެއް ގަތުމަށް އިކުއިޓީ ނެތް ފަރާތްތަކަށްވެސް މި އެހީ ލިބިގެންދާނެއެވެ. މިގޮތުން، އިކުއިޓީގެ ގޮތުގައި 2.5 ލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ނާޒީމް ފާހަގަކުރެއްވިއެވެ.

މި މާލީ އެހީ ދޫކުރުމަށްޓަކައި 4 ބޭންކަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުންދާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި މި ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމެވެ.

ހަމައެއާއެކު، ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމުން ފްލެޓް ގަންނަ ފަރާތްތަކަށް، ސޯޝަލް ހައުސިންގ ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް ޚާއްޞަ މާލީ އެހީ ދޭނެ ސްކީމެއް އިފްތިތާޙުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ހުޅުމާލެ ފޭސް 3 ގައި މިހާރު ކުރިއަށްގެންދާ 1000 ހައުސިންގ ޔުނިޓާއި، އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ހުޅުވާލެވޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319