
އަންހެން ކޮއްކޮއަށް އަނިޔާކުރި މީހަކު ޖޫރިމަނާކޮށްފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 11:51
އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރިކަން ސާބިތުވި މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން އެ ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ކުށަށް އިއުތިރާފުވުމުން އަދަބު ލުއިކޮށްދީ ކޯޓުން ކަނޑައެޅީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަރީއަތުން ވަނީ އެ ޖަލު އަދަބު 7،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ ފިރިހެން މީހާ ވަނީ އޭނާގެ އަންހެން ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓައިލުމަށްފަހު، އިސްތަށިގަނޑަށް ދަމައި އަނިޔާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
ގަޑިއިރެއް ކުރިން

ހުސްވި މަހު މިފްކޯއިން މަސްވެރިންނަށް 29 މިލިއަން ރުފިޔާ ދޫކޮށްފި
ގަޑިއިރެއް ކުރިން

ބާރު ސްޕީޑްގަިއ ދުއްވަނީ ކީއްވެ؟ މިއަހަރުގެ މިހާތަނަށް ހުޅުމާލެއިން 1200 އަށް ވުރެ ގިނަ އެކްސިޑެންޓް!
2 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ތަރައްގީގެ ފާލަމެއް: ޗައިނާ ސަފީރު
4 ގަޑިއިރު ކުރިން


