logo

ބޭސްފަރުވާއާ ގުޅުންހުރި ކަންކަމަށް ހައްލު ގެނައުމަށް މަޝްވަރާކޮށްފި

profile

އާމިނަތު ޝަފާ - 11 އޯގަސްޓު 2024 - 13:48

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހެލްތް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހެލްތް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް އެ ވުޒާރާއިން ވަނީ ޞިއްޙީ ވުޒާރާގެ އިސް ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތްތަކާއި، ދާނުގައި ތިބޭ މީހުންނާއި އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، އެ ފަރާތްތައް ހޮސްޕިޓަލަށް ގެނައުމާއި، އަދި ސްޕެލިސްޓުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދެ ވުޒާރާއިން ގުޅިގެން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިގެން ގޮސްފައެވެ.

އެ ބައްދަލުވުމަށް ރިއާޔަތްކުރައްވާ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ ބޭސްފަރުވާގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވާ މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މިހާރުވެސް އެ ވުޒާރާއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދިވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކްގެ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވި، ޕީޖީ ކްލިނިކްގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފެން ފެށުމާއެކު، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ހޯދިފައިވާކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން 30 މެއި އިން ފެށިގެން މިހާތަނަށް ޖީޕީ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި، ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖެއިން ލިބެން ނުހުންނަ ބޭސް ބޭސް ފޯރުކޮށްދިނުމުގައި އެސް.ޓީ.އޯ މެޑިކަލްސްއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށާއި، ގިނަ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެއާއެކު ލަހުފާ ވިދާޅުވީ، ޞިއްޙީ މައްސަލަތަކަށް ދެމެހެއްޓެނިވި ދާއިމީ ހައްލުތަކެއް ހޯދުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެވި، މަސައްކަތްތަކެއް ފެށިފައިވާއިރު، އެ މަސައްކަތްތަކާއެކު އެދެވޭ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

tel:+9607331319