logo

ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް ބިނާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް

profile

ޒިދާން މުޙައްމަދު - 26 އޯގަސްޓު 2024 - 13:40

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ގުޅިގެން ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް ބިނާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް އެބައޮތްކަމަށް އެވުޒާރާއިން ބުނެފިއެވެ.

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ނުވަތަ ނާދީތައް ބިނާކުރުމަށެވެ. އެންމެ ފުރަތަމަ މިފަދަ ތަނެއް ގާއިމުކޮށް ހުޅުވާފައިވަނީ ވެރިރަށް މާލޭގައެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހްފާ ޚަލީލް ވިދާޅުވީ، މިފަދަ ތަންތަނަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ތަންތަންކަމަށެވެ. މާލޭގައި ހުޅުވާފައި ހުރި ނާދީން ގިނަ އަދަދެއްގެ އިސްރަށްވެހިން ޚިދުމަތް ހޯދަމުން އަންނަކަމަށާއި އެ ވުޒާރާގެ އަމާޒަކީ މިފަދަ ގިނަ ތަންތަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުން ކަމަށެވެ.

ބޭނުންތެރި އަދި ގިނަ ޚިދުމަތްތަކަކާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ތަރައްޤީކުރި އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު ހުޅުވައިފައިވަނީ ފެބްރުއަރީ 17ގައެވެ.

އިސްރަށްވެހިންގެ ނާދީގެ ނަމުގައި ތަރައްޤީކުރި އެ މަރުކަޒު ހުޅުވައިދެއްވީ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ޤުރުއާނާއި ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ޤާއިމުކޮށްފައިވާ އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީ ކޮށްފައި ވަނީ ބޭނުންތެރި އަދި ގިނަ ޚިދުމަތްތަކަކާއެކުއެވެ.

އެގޮތުން ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ބެހޭ ވުޒާރާއިން ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.

ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމާއި އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ހަމަ އެހެންމެ ޔޫތު އެމްޕަވަރމެންޓް، އިންފޯރމޭޝަން އެންޑް އާރޓްސް އާއި ބެހޭ ވުޒާރާއިން، ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތާއި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް ގެ ފަރާތުން އެ މަރުކަޒުގައި ހިންގާނެއެވެ.

އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ވެސް ވަނީ ޤާއިމުކޮށްފައެވެ.

މީގެ އިތުރުން އޭޖް ކެއަރ މޯލްޑިވްސްގެ ފަރާތުން ކޮންމެ ތިން މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ހިޔާލުފާޅުކުރުމާއި، ތަޖުރިބާ ހިއްސާކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

tel:+9607331319