logo

ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

profile

ޒިދާން މުޙައްމަދު - 26 އޯގަސްޓު 2024 - 13:50

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި މުހިންމު މަސައްކަތްތަކެއް ނިންމާލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް އެކުލަވާލުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ގޮތުން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ގެ ޑްރާފްޓް އެކުލަވާލުމުގެ ގޮތުން ކ ތުލުސްދޫގައި 31 މެއިން 1 ޖޫން އަށް ވަނީ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ގައިޑްލައިންތައް މުރާޖާ ކުރުމުގެ ގޮތުން ޕިއާ ރިވިއު ވޯކްޝޮޕެއް ވަނީ 2024 އޮގަސްޓު 1 ގައި ކ މާލޭގައި ބާއްވާފައެވެ.

މި ވޯކްޝޮޕްގައި ތެރަޕީ ދާއިރާގައި ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެ އެބޭފުޅުންގެ ޚިޔާލުތައް ވަނީ ވޯކްޝޮޕްގެ ތެރެއިން ހުށައަޅުއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ހިންގައެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި އެފަދަ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ޚަރަދު ހަމަޖައްސައި ދިނުމަށް 1 ޖަނަވަރީ 2019 އިން ފެށިގެން ތަޢާރަފް ކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމާއި އެނުކުޅެދުންތެރިކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ބޭނުންވާ ޞިއްޙީ ފަރުވާތަކާއި އެނޫންވެސް ފަރުވާތައް ވީހާވެސް ހެޔޮ އަގެއްގައި، ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ.

tel:+9607331319