logo

އަބްދުއްރަހީމް، ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސަށް އަރުވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޯގަސްޓު 2024 - 22:55

ތުރުކީގެ ރައީސަށް، ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ތުރުކީގެ ރައީސަށް، ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ އިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ތުރުކީގެ ވެރިރަށް އަންކާރާ ގައި ހުންނަ ރައީސްގެ ރިޔާސީ ގަނޑުވަރު ކޮޅު ގައެވެ.

އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު އަބްދުއްރަހީމް ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކީން ރާއްޖެ އަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސް އުރުދުޣާން ވަނީ ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ސަފީރު އަބްދުއްރަހީމަކީ ރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައެޅި ފުރަތަމަ ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

tel:+9607331319