logo

އަޒަރބައިޖާނުގެ އައު ސަފީރު މިނިސްޓަރު ޒަމީރުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

profile

އައިޝަތު އިނާޝާ - 09 ސެޕްޓެމްބަރު 2024 - 17:54

ފޮޓޯ ފޮރިން މިނިސްޓްރީ

ފޮޓޯ ފޮރިން މިނިސްޓްރީ

އަޒަރބައިޖާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު މޫސާ ޒަމީރު އަޒަރުބައިޖާންގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އަޒަރބައިޖާންއާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާ އާއި ސަގާފަތް އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް، ބައިނަލް އަޤްވާމީ މަސްރަޚުގައިވެސް އެކުއެކީގައި މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު، އަދި އެސިސްޓަންޓް ޑިރެކްޓަރ ހަދީޖާ ނިޒްވީ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

tel:+9607331319