logo

އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކޮށްދީފި

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 22:11

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު-- ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު-- ފޮޓޯ

ރާއްޖެއިން އިންޑިއާ އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި އެވެ.

މިއީ ރާއްޖެއިން އިންޑިއާ އަށް ދައްކަން ހުރި ލޯން ފައިސާދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދިން ދެވަނަ ފަހަރެވެ. މިއާއި އެކު މި އަހަރު ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވަނީ ފަސްކޮށްދީފަ އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން ގެރެންޓީ ދީގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ރާއްޖޭގެ ބްރާންޗުން ޓީބިލްގެ ގޮތުގައި ސަރުކާރަށް ދީފައިވާ 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެ ކުރިން ފަސްކޮށްދީފައިވަނީ މި އަހަރުގެ މެއި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ޓީބިލެކެވެ.

އިންޑިއާ ސަރުކާރަށް ރާއްޖެއިން ދައްކަން ޖެހޭ ޓީބިލަކީ މިދިޔަ ސަރުކާރުގައި އިންޑިއާއިން ދިން 200 މިލިއަން ޑޮލަރުގެ ޓީބިލެކެވެ. އޭގެ ތެރެއިން 50 މިލިޔަން ޑޮލަރު މި ޖެނުއަރީ މަހު ދައްކާފައިވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން އެ ފައިސާ ދެއްކުން ލަސްކޮށްދީފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ބަޖެޓް ސަޕޯޓެއްގެ ގޮތުން ކަމަށެވެ.

tel:+9607331319