logo

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް: ދިވެހިން ސަމާލުވުމަށް

profile

އައިޝަތު އިނާޝާ - 19 ސެޕްޓެމްބަރު 2024 - 12:37

ފޮޓޯ؛ ސޯޝަލްމީޑިއާ

ފޮޓޯ؛ ސޯޝަލްމީޑިއާ

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެންގުމާ ގުޅިގެން ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައި ކަމަށެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި 2 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށްވެސް ފާހަގަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ދިވެހިން މި ބަދަލުތަކަށް ސަމާލުކަން ދީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

tel:+9607331319