logo

ރާއްޖެއިން އައިއެމްއެފްގެ އެހީތެރިކަން ބޭނުމެއް ނުވޭ، ހުރީ ވަގުތީ މައްސަލަތަކެއް: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ސެޕްޓެމްބަރު 2024 - 19:40

މިނިސްޓަރ މޫސާ ޒަމީރު

މިނިސްޓަރ މޫސާ ޒަމީރު

ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައި އޮތް ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީތެރިކަމަށް އެދެންޖެހޭ ވަރަށް އަދި ހާލަތު ނުދާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަވައިގެން ފަރަންސޭސި ނޫހެއް ކަމަށްވާ "ފްރާންސް 24" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މާލީ ކާރިސާތަކުން އަރައިގަތުމަށްޓަކައި އައިއެމްއެފް އިން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ އަދި އެ ހާލަތަށް ރާއްޖޭގެ އިގްތިސޯދު ނުދާ ކަމަށެވެ.

"އައިއެމްއެފްގެ އެހީތެރިކަން އަދި ބޭނުމެއް ނުވޭ. ރިޒާވް އަށް އައި ހީނަރުކަމާ އެކު މާލީ ގޮތުން ދިމާވެފައިވަނީ ވަގުތީ މައްސަލަތަކެއް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސް އަށް ގެންނަ ބަދަލުތަކާ އެކު އެ މައްސަލަތަކަށް ހައްލު އަންނަން ފަށާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގުއާއި އެކު މިނިސްޓަރު ޒަމީރު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ މަރުކަޒީ ބޭންކަރުންނާއި އޮފިޝަލުންނާއި ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމުގެ މަގްސަދުގަ އެވެ.

މީގެއިތުރުން، ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑަށް އެހީވާ އިންޑިއާއާއި ޗައިނާއާ އެކު އޮތް ގުޅުން ރަނގަޅުކަމަށާއި އެ ދެ ގައުމުން ވެސް ރާއްޖެއަށް އެއްބާރުލުން ދެމުންދާ ކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެގެންދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައި މިހާރު ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތަކުގެ ބޮޑު ބައި ހިއްސާކުރަނީ ޗައިނާއާއި އިންޑިއާއިން ނެވެ. ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތަކުގެ 27 އިންސައްތަ ހިއްސާކުރަނީ ޗައިނާ އިން ނެވެ. ބޭރުގެ ފަރާތްތަކަށް ދަރަނީގެ ނިސްބަތުން ޗައިނާ އަށް ދައްކަން ޖެހޭ ލޯނުތައް 2027ގެ ނިޔަލަށް 13 އިންސައްތަ އަށް ކުޑަވެ އެވެ. އެކަމަކު ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތުން އެގްޒިމް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނުތައް 48 އިންސައްތަ އަށް އެ އަހަރު އަރައިގެންދާނެ އެވެ.

ރާއްޖެއަށް ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ދުނިޔޭގެ ކްރެޑިޓް ރޭޓިން އޭޖެންސީއެއް ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފަ އެވެ. ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެ ކަމަށް ބަލައި ކްރެޑިޓިން އޭޖެންސީ މޫޑީސް އިން ވެސް ވަނީ ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެ ކަމަށް ބަލައި ރޭޓިން ދަށްކޮށްފަ އެވެ. އެކަމަކު ސަރުކާރުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު ފިޗްގެ ރޭޓިން މަތިވާނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ،

tel:+9607331319