logo

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ފަށައިފި

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 08:16

އދ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން

އދ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެ، ތަގުރީރު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ވަނީ ފަށާފައެވެ. މި ސެޝަން ފެށިގެން ކުރިއަށްދާނީ، 9 ސެޕްޓެމްބަރ 2024 އިން 11 އޮކްޓޯބަރ 2024 ގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނިގޮތުގައި ސެޝަންގެ ބައްދަލުވުމުގެ ތެރެއިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނާއި، އެކްސްޕާޓް މެކޭނިޒަމްތަކާއި، އިންވެސްޓިގޭޓިވް މެކޭނިޒަމްތަކާއެކު ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ޚާއްސަ 2 އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން 6 ޕެނަލް ޑިސްކަޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ސެޝަންގައި 50 ޤައުމުގެ ޙާލަތުތަކާއި، 80 އަށްވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރުމުގެ ފުރުޞަތު ލިބިގެންދާނެތީ، މިސެޝަންއަކީ ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމަށް، އިންސާފުވެރި އަދި ހަމަހަމަ ދުނިޔެއެއް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި މަޝްވަރާއަށް ޤާއިމުކުރެވޭ މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނަރަލްގެ ފަރާތުން ކުރިއަށްގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭގޮތުން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤަޢުމުތަކަގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދިވެހިރާއްޖެއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އަދި، މިއަހަރުގެ މާރޗް މަހުގެ 12 އިން 21 އަށް ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝިނަލް އޯޑަރއާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއް މިސެޝަންގައި ހުށަހަޅުއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއަކީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރަކަށްވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް އިތުރުވަމުންދާތީ މިހާލަތާ ރިޢާއަތްކޮށް ދިވެހިރާއްޖެއަކީ ކަންބޮޑުވުން ފާޅުކުރަމުންދާ ޤަޢުމެކެވެ. އެގޮތުން، މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަޤުރީރެއް ދެއްވުމާއި، ފަލަސްޠީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިޘާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނިއެވެ.

އެޗް.އާރް.ސީ.ގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް ފާތިކާ ފަޔާޟް، ތާރޑް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. 47 މެންބަރު ޤަޢުމެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

tel:+9607331319