logo

އދގެ ސުލްހަ ބަލަހައްޓާ ފައުޖަށް އިސްރާއީލުން ދިން ހަމަލާ ދުނިޔެއިން ކުށްވެރިކުރަނީ

profile

ސައިފް އަޒުހަރު - 10 އޮކްޓޯބަރު 2024 - 22:35

ލުބުނާނު – އިސްރާއީލު ވަކިކުރާ އިމުގައި ތިބޭ އދގެ ސުލްހަ ބަލަހައްޓާ ފައުޖަށް އުދުވާނީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ދިން ހަމަލާ، ދުނިޔެއިން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ދިން ހަމަލާތަކުގައި އދގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ސިފައިންގެ 2 މީހަކު ޒަޚަމްވެފައި ވެއެވެ.

އަދި، ސުލްހަ ބަލަހައްޓާ ފައުޖު ގާއިމްވެފައިވާ ސަރަހައްދުގެ ސެކިއުރިޓީ ކެމެރާތަކަށާއި، ސިފައިން ތިބި މަގާމުތަކަށްވަނީ ހަމަލާ ދީފައެވެ.

އަދި އދގެ ފައުޖުގެ ހެޑްކުއާޓަރަށާއި، ވެހިކަލްތަކާއި، ކޮމިއުނިކޭޝަން ސިސްޓަމަށްވެސްވަނީ ހަމަލާ ދީފައެވެ.

އދއިން ބުނެފައިވަނީ، އިސްރާއީލު ސިފައިން އދގެ ފައުޖަށް ހަމަލާދިނީ ކަނޑައެޅިގެން އެނގިތިބެ ގަސްތުގައި ކަމަށެވެ.

ލުބުނާނު – އިސްރާއީލު އިމުގައި ގާއިމްވެފައިވާ "ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯރސް އިން ލެބަނަން" ގައި ދުނިޔޭގެ 50 ގައުމަށް ނިސްބަތްވާ 10،000 ސިފައިން ތިބެއެވެ.

މި ފައުޖު ގާއިމްވެފައިވަނީ ލުބުނާނުގެ ދެކުނުގެ ނަޤޫރާ ސަރަހައްދުގައެވެ. ސިފައިންގެ ދެމީހަކު ޒަޚަމްވެފައިވަނީ އެމީހުން ތިބި އޮބްޒަރވޭޝަން ޕޯސްޓަށް ދިން ހަމަލާގައެވެ. ޒަޚަމްވެފައިވަނީ އިންޑޮނޭޝިޔާއަށް ނިސްބަތްވާ ސިފައިންގެ 2 މީހެކެވެ.

އިސްރާއީލުގެ މި އަމަލަކީ، އދގެ ސަލާމަތީ މަޖިލީހުގެ 1701 އާ މުޅި ޚިލާފް އަމަލެއްކަން، ލުބުނާނުގައި ތިބޭ ފައުޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިސްރާއީލުގެ އުދުވާނާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ޖޯސެފް ބޮރެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްރާއީލުގެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވިދާޅުވީ، މިކަމަށް އިސްރާއީލަށް ދެއްކޭނޭ އެއްވެސް ހުއްޖަތެއް ނޯންނާނޭ ކަމަށެވެ.

ސްޕެއިން ސަރުކާރުން ނެރުނު ބަޔާނުގައި ހަމަލާ ކުށްވެރިކޮށް އިސްރާއީލަށް ގޮވާލާފައިވަނީ، އދގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ސަލާމަތް ކަށަވަރުވާންޖެހޭ ކަމަށެވެ.

ހަމަލާ ކުށްވެރިކޮށް ފްރާންސާއި އިޓަލީން މިހާރު ގެންދަނީ، މިކަމުގެ ޖަވާބު އިސްރާއީލުގެ ކިބައިން ހޯދުމަށް އެދެމުންނެވެ.

އިޓަލީގައި ހުންނަ އިސްރާއީލުގެ އެމްބަސެޑަރު ޚާރިޖިއްޔާއަށް ހާޟިރުކޮށް ސުވާލު ކޮށްފައި ވާއިރު، އިޓަލީގެ ދިފާއީ ވަޒީރު ވިދާޅުވީ، މިއީ ކަނޑައެޅިގެން ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

އދގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ހަމަލާދިނުމަށްފަހު އިސްރާއީލުން މިހާރު އަންގަމުންދަނީ، އދގެ ފައުޖު ލުބުނާނުގެ އިތުރަށް ޖެހުމަށެވެ. މިކަމަށް ގޮވާލަނީ އދގައި ހުންނަ އިސްރާއީލުގެ އެމްބަސެޑަރެވެ.

އޭނާ ބުނަނީ، ލުބުނާނު އިމުގައި އދއިން ދަމާފައިވާ "ބްލޫ ލައިން" އާ ހިޒްބުﷲ ޚިލާފްވެފައިވާ ކަމަށާއި، އެހެންކަމުން، އދގެ ފައުޖު އެތާޏގައި ތިބުން ރައްކާތެރި ނޫން ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލުން މިދިޔަ ހަފްތާގައިވެސް، އދގެ ފައުޖު އިތުރަށް ދިއުމަށް އެންގިއެވެ. ނަމަވެސް، އެ ފައުޖުންވަނީ އެކަމާ އިންކާރުކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319