
ޖޫން މަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓްގެ ޚިދުމަތްތައް ފޯރުކޮށްދޭނީ "ޓްރޭޑިއަން" މިޕްލެޓްފޯމުން!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 20 އޭޕްރީލު 2025 - 05:19
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމަކީ ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތުގެ ދަށުން، ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ނިންމަވާފައެވެ. އަދި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމްގެ ތެރެއިންކަމަށް ސަރުކާރުންވަނީ ކަނޑައަޅާފައެވެ.
މިޕްލެޓްފޯމްގެ ތެރެއިން މޯލްޑިވްސް ކަސްޓަމް ސަރވިސްއިން އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީ ކުރުމާއި، ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި، ފޮރިން ގޮއިންގ ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ/އީ.ޓީ.ޑީ) އަދި ސީ ކާރގޯ މެނިފެސްޓް ހުށަހެޅުން ހިމެނެއެވެ.
ކަސްޓަމްސްއިން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މިހާރެކޭ އެއްގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ) ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިޕްލެޓްފޯމްގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބައެއް ޚިދުމަތްތައް އޮންލައިން ނިޒާމުގެ ތެރެއިން މިހާރުވަނީ ދޭން ފަށާފައެވެ. އެގޮތުން ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުމުގެ ޚިދުމަތް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން