logo

މިފްކޯއިން ދޭ ޔަގީންކަން: ދެން މެދުކެނޑުމެއްނެތި އުފެއްދުންތައް ލިބޭނެ

profile

އާމިނަތު ޝަފާ - 24 ސެޕްޓެމްބަރު 2024 - 16:30

މިފްކޯ މަސްފިހާރަ

މިފްކޯ މަސްފިހާރަ

ހުޅުމާލެއިން ބިން ލިބެންދެން މިފްކޯއިން ކަނޑުއޮތްގިރީގައި ކުރަމުން އައި މަސައްކަތް މިހަފްތާގެ ތެރޭގައި ފެލިވަރުގައި ފަށާއިރު ކުންފުނީގެ އަމާޒުހުރީ މެދުކެނޑުމެއްނެތި މަސްވެރި އުފެއްދުންތައް ފޯރުކޮށްދީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއަށް ނިމުމެއް ގެނެސްދިނުމަށް ކަމަށް މިފްކޯއިން ބުނެފިއެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެށޭނެ ކަމަށް މި މަހުގެ 11 ވަނަ ދުވަހު އެ ކުންފުނިންވަނީ ބުނެފައެވެ. އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، އެ ފެސިލިޓީ ނިމި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މިފްކޯއިން މައުލޫމާތު ދޭގޮތުގައި މި ހަފްތާގެ ބުރާސްފަތިދުވަހުގެ ކުރިން ފެލިވަރުގައި މަސައްކަތް ފެށިގެންދާނެއެވެ.

ހުޅުމާލެއިން ބިމެއް ލިބި ފެސިލިޓީ ގާއިމްވަންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ފެލިވަރުގައި މި ހަފްތާގައި ފަށަން އުޅޭއިރު، ފެލިވަރުގައި އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަަލްކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2 ރީފާ ކޮންޓެއިނަރ އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއީ 25 މެޓްރިކް ޓަނުގެ ގަނޑުކުރި މަހުގެ ބާވަތްތަކުގެ ސްޓޮކެކެވެ.

އޭގެ ސަބަބުން މާލެ ސަރަހައްދުގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މެދުކެނޑުމެއްނެތި އާންމުންނަށް ގަނޑުކުރި ރޯމަހުގެ ބާވަތްތައް ލިބޭނެ ކަމަށާއި މިފްކޯގެ އަމާޒަކީ، އެކުންފުނީގެ ހީވާގި އިންޖިނިއަރިން ޓީމާއި، ޕްރޮޑަކްޝަން ޓީމުގެ މަސައްކަތުން އަންނަ ހަފްތާ ފެށެން ވާއިރަށް އެ މަސައްކަތް ނިންމާލުންކަމަށް މިފްކޯއިން މައުލޫމާތުދެވެ.

މިފްކޯއިން އުފައްދާ ބާވަތްތަކުގެ ތެރެއިން ލައިފްސްޓައިލްގެ ތެރޭގައި ހިމެނޭ ބާވަތްތަކަށް މިދަނޑިވަޅުގައި ބަދަލުތަކެއް ގެންނަން ޖެހިފައިވުމުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު ލައިފްސްޓައިލްގެ ގޮތުގައި މިފްކޯއިން ތައްޔާރު ކުރަމުންދާ މަސްބަތާއި ތަފާތު ވައްތަރުގެ ރިހައަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބާވަތްތަކެކެވެ.

މިބޮޑު ބަދަލުތައް މިފްކޯއިން ގެންނަން ޖެހިފައިވަނީ ކުރިން އެ މަސައްކަތައް ބޭނުންކުރަމުންއައި ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރުމުގެ ސަބަބުންނެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީމޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ.

ރަށް ހުސްކޮށް ފެލިވަރަށް ބަދަލުވުމަށް ކުރާ މަސައްކަތުގެ މުއްދަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްދީފައިވާއިރު މުއްދަތު އިތުރުކޮށްދިނީ ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭ ބައެއް މުދާތައް އެތަނުގައި ހުރުމުގެ ސަބަބުން ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭތީ އެމަސައްކަތަށް ލަސްކަމެއް އަތުވެދާނެ ކަމަށް މިފްކޯއިން އެންގުމާ ގުޅިގެންނެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ދިވެހި މަސްވެރިކަމުގެ އުފެއްދުން އިތުރުކުރުމަށް މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. މިބަދަލުގެ ސަބަބުން ރައްޔިތުންގެ ޝަކުވާއަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319