logo

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން މުހިންމު މަޝްވަރާއެއް

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 13:59

މިއަދު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިން

މިއަދު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިން

ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސް ބޭފުޅުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިފްކޯގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާމެދުވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

މީގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތަކާ މެދުވެސް މަޝްވަރާ ކުރެވުނެވެ. ހާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައެވެ.

އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި، ޖެހޭ ބަލިތައް ދެނެގަނެ ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައެވެ.

މިފްކޯއިން ކުރާ ދަނޑުވެރިކަމުން އެކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވެއެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެކުންފުނީގެ ހަރަދުތައް މެނޭޖުކުރެއެވެ.

މިފްކޯގައި ގާތްގަނޑަކަށް 2,000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

https://int.etukuri.mv/
tel:+9607331319