logo

ބޭނުންވި އަދަދަށް ހިލޭ އައިސް ފޯރުކޮށްދެވުނު: މިފްކޯ

profile

އާމިނަތު ޝަފާ - 25 އޯގަސްޓު 2024 - 17:42

މިފްކޯއިންވަނީ ބުރާސްފަތިދުވަހު އައިސްދޫކޮށްފައި

މިފްކޯއިންވަނީ ބުރާސްފަތިދުވަހު އައިސްދޫކޮށްފައި

ބުރާސްފަތިދުވަހު މިފްކޯއިން ހިލޭ ގިނަ އަދަދެއްގެ ދޯނިތަކަށް އައިސް ދޫކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ، މިފްކޯގެ ސައިޓްތަކުން ބުރާސްފަތި ދުވަހު މަސްވެރީންނަށް ހިލޭ އައިސް ދޫކުރެވުނު ތަފްސީލް ބެލިބެލުމުން އެނގުނީ މަސްވެރިކަމަށް އޮންނަ ތަރުހީބުކަމަށެވެ.

އެގޮތުން މިފްކޯއިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބުރާސްފަތިދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ދޫކޮށްފައިވެއެވެ. އެގޮތުން ގދ.ތިނަދޫ އައިސް ޕްލާންޓުން 5 ދޯންޏަކަށް 15 ޓަނު އައިސް އެކުންފުނިން ދޫކޮށްފައިވެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) އިން 4 ދޯންޏަކަށް 8 ޓަނު އައިސް ދޫކޮށްފައިވާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) އިން 15 ދޯންޏަކަށް 45 ޓަނު އައިސް ދޫކުރިއެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އިން އެއްވެސް ދޯންޏަކަށް އައިސް އަޅާފައެއް ނުވެއެވެ.

މިފްކޯއިން އުފައްދާ އައިސް ޓަނެއްގެ ހަރަދަށް އެވްރެޖުކޮށް 1،300 އާއި 1،400 ރުފިޔާ ހޭދަވާއިރު އައިސް ޓަނެއް މިވަގުތު ވިއްކަމުންދަނީ 750 ރުފިޔާއަށެވެ. މިފްކޯއިން ފާހަގަކުރިގޮތުގައި މެދު ރާއްޖެތެރޭގެ މަސް ދޯނިފަހަރުތަކުގެ މެދުގައި އައިސް އަށް އޮންނަ ޑިމާންޑު ބޮޑުވެފަ ދެކުނުގެ ގިނަ މަސް ދޯނިފަހަރުން އައިސް ނާޅަނީ، އެ ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި ހުރުމުގެ ސަބަބުންނެވެ. އަދި އެއީ އިތުބާރު ހިފޭ ސިސްޓަމަކަށް ވެފައި، ގިނަ ދޯނިތަކުގެ އަމާޒު މިހާރު ހިފާފައި ހުރީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އަދި އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީއިން ލޯނު އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، މުސްތަގުބަލުގައި އައިސްއަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ. މިފްކޯއިން ބުނިގޮތުގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ މަސް ދޯނިފަހަރުތަކަށް އެކުންފުނީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަން ނިންމާފައެވެ.

ކޮންމެ ހަފްތާއަކުވެސް މަހުގެ އަގު މިފްކޯއިން ރިވިއުކުރަމުން އަންނައިރު މިވަގުތު އައިސް އެޅޭ ކޮލިޓީ މަސް ގަންނަނީ ކިލޯއެއް 16 ރުފިޔާއަށްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނީ އަގު ބޮޑުކުރުމާއި ކުޑަކުރުން ބިނާވަނީ ކުންފުންޏަށް ގެއްލުން ނުވާގޮތައް ބާޒާރުގައި އެވަގުތަކު ހިފެހެއްޓެން އޮތް އަގަކަށް ބަލައިގެންކަމަށެވެ.

tel:+9607331319