logo

އަތުހަރުގެ އެންމެފަހުގެ ވީޑިއޯ ނޫސްވެރިންނަށް ދައްކާލައިފި

profile

ޒިދާން މުޙައްމަދު - 03 ސެޕްޓެމްބަރު 2024 - 09:50

ަމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32،) މާލެ އަތޮޅު ދޫނިދޫ ގޮޅީގައި އަމިއްލައަށް މަރުވާން ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނަށް ދައްކާލައިފިއެވެ.


އެ ފުޓޭޖު ދައްކާލާފަައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ހާޒިރުގައި ފުލުހުންގެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ކްލޯޒްޑް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހޯމަދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހައްސާސް އަދި ބައެއް ފަރާތްތަކަށް ބެލުމަށް އުނދަގޫވެދާނެ މަންޒަރު ހިމެނޭ ކޮންޓެންޓާއި އަދި ނާޒުކު މައުލޫމާތު ހިއްސާކޮށްފައިވާތީ، ކެމެރާއާއި ފޯންފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް ބައްދަލުވުމަށް ވެއްދުން އޮތީ މަނާކޮށްފައެވެ.

ފުޓޭޖު ނޫސްވެރިންނަށް ދެއްކެވީ ކަން ހިނގި ގޮތް އޮޅުންފިލުވައި ދިނުމަށް ކަމަށް ވިދާޅުވި އެވެ. އެ ބައްދަލުވުމަށް ނޫސްވެރިން ވެއްދީ މޮބައިލް ފޯނާއި ކެމެރާ ވެސް ނުލަ އެވެ.

އަތުހަރު ބާއްވާފައި އޮތް ގޮޅީގެ ވީޑިއޯ ނޫސްވެރިންނަށް ދެއްކުމުގެ ކުރިން ފުލުހުން އެ ވީޑިއޯ އަތުހަރުގެ އާއިލާއާވެސް ހިއްސާކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ގައިދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ސީސީޓީވީ ކެމެރާ ހުރީ ހަރުކޮށްފައެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި، އަތުހަރަށް ފުލުހުން އެޓެންޑް ވެފައިވަނީ ގޮޅީގައި އޭނާ ދަންޖެހެން މަސައްކަތް ކުރާތާ ތިރީހަކަށް މިނިޓް ފަހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ށ. މިލަންދޫ / ހެޕީލޭންޑް، އާދަމް އަތުހަރަށް އައިޖިއެމްއެޗްގައި ފަރުވާދޭން ފެށީ އާދީއްތަދުވަހުރޭގެ ވަގުތެއްގައިކަމަށާއި އޭނާ ނިޔާވީ ހޯމަދުވަހުގެ 16:08 އެހާކަށްހާއިރުކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން މިމައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަޙްޤީގުތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.

ފުލުހުން އަތުހަރު ހައްޔަރުކޮށްވަނީ މިދިޔަ ބުރާސްފަތިދުވަހުގެރޭ މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފިލަން މަސައްކަތްކުރަނިކޮށެވެ.

ނޫސްވެރިޔާގެ ނޯޓު: އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނުނު ނަމަވެސް އަމިއްލައަށް މަރުވުމުގެ ހާދިސާއަކަށް ވާތީ، މިޚަބަރުގައި އޭގެ ތަފުސީލުތައް ހިމަނާފައެއް ނުވާނެއެވެ.


tel:+9607331319