logo

ރާއްޖޭ ތަރައްގީއަށް ކުރާ ދަތުރުގައި ޔޫއެންޑީޕީގެ ދައުރު ބޮޑު: ރައީސުލްޖުމްހޫރިއްޔާ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 އޮކްޓޯބަރު 2024 - 22:55

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހި ރާއްޖެއަށް ތަރައްގީ ގެނައުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދައުރު ވަރަށް ބޮޑު ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޔޫއެންޑީޕީއާއި ރާއްޖޭގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިންނަށް ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޖަމިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި ޔޫއެންޑީޕީއާއި ރާއްޖޭގެ ގުޅުން ބިނާވަނީ ތަރައްގީއާއި އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް ދެ ފަރާތުން ގެންގުޅޭ އެއްގޮތް ގަބޫލުކުރެވުންތަކުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫ.އެން.ޑީ.ޕީ.ގެ ފޯކަސް ފުޅާވެ، ތަރައްގީގެ އަސާސީ ބޭނުންތަކުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސާދު ސިންދަފާތުކުރުމާއި އިޖްތިމާއީ ބާރުވެރުކަމާއި ހެޔޮވެރިކަމާއި، އިންސްޓިޓިއުޝަނަލް ރިފޯމްގެ ކަންކަން ވެސް ހަރުދަނާ ވެފައިވާ ކަމަށެވެ.

" އަޅުގަނޑުމެން ވާނީ އެކުގައި ތަފާތު ގޮންޖެހުންތަކުން އަރައިގަނެ، ހޯދުނު ކާމިޔާބީތައް ފާހަގަކޮށްފަ. އަދި ކުރިއަށް އޮތްތަނުގައި ބަދަލުވަމުންދާ ދުނިޔޭގައި ފައިހަމަކޮށްލެވޭ ފަދަ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރެވޭނެ މަގު މިވަނީ ކޮށިފަ" ރައީސް

ރާއްޖެއަކީ 2024 ގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް މި ސަރުކާރުން ގެންގުޅޭ އަމާޒާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކަން ކުރެވޭނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނެވިގެން ކަމަށެވެ. އަދި އެކަމުގައި ޔޫއެންޑީޕީގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖެއަށް އދއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެ ޖަމިއްޔާއަށް ޝުކުރު އަދާ ކުރައްވަމުންނެވެ.

https://int.etukuri.mv/
tel:+9607331319