logo

ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމުގެ މަސައްކަތް ފަށަން ރައީސް އަންގަވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 އޮކްޓޯބަރު 2024 - 18:00

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި އަދި ވިއްކުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މިގޮތަށް ކަމާ ބެހޭ ފަރާތްތަކަށް އެންގެވިކަން ހާމަކުރެއްވީ އެމަނިކުފާނު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް އަންގަވާފައިވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ވަނީ އަންގަވާފަ އެވެ.

ރައީސް މިގޮތަށް އަންގަވާފައިމިވަނީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގަ އެވެ. ވޭޕް މަނާކުރުމަށް އެދި ރައީސަށް ސިޓީއެއްވެސް އެ ފަރާތްތަކުން ހުށަހަޅާފައިވެ އެވެ.

އެގޮތުން ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވޭޕްގެ ސިއްހީ ނުރައްކާތެރި ކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެސީޑީސީ އާއި އެފްޑީއޭ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވޭޕް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާކަމަށެވެ. އަދި ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް މިހާރު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.


https://wamco.com.mv/
tel:+9607331319