logo

ވޭޕްގެ މައްސަލާގައި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅި: ޕީއެންސީ

profile

ޒިދާން މުޙައްމަދު - 14 އޮކްޓޯބަރު 2024 - 23:20

ޕީއެންސީގެ އާ ޖަގަހަ ރައީސް ޑރ މުޢިއްޒު ބައްލަވާލައްވަނީ

ޕީއެންސީގެ އާ ޖަގަހަ ރައީސް ޑރ މުޢިއްޒު ބައްލަވާލައްވަނީ

ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން އެމަނިކުފާނަށް ޝުކުރު ދަންނަވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ - ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެއް ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ޙަޤީޤަތެއް ކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕީއެންސީން ބުނީ، ވޭޕުގެ ޞިއްޙީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ޙަޤީޤަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ޞިއްޙީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއް ވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅި ކަމަށްވެސް ސަރުކާރު ހިންގާ ޕާޓީން ބުންޏެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ، އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ޕީއެންސީން ބުންޏެވެ.

އެއީ އަންނާން އޮތް ދިވެހި ޖީލުތައް ޙިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.

ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ޙާލު ޤައުމުގެ މުސްތަޤުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި ޢާންމު ފަރުދުން އެއްބާރުލުން ދިނުމަށް ޕީއެންސީގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

https://int.etukuri.mv/
tel:+9607331319