logo

ޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ: މެމްބަރު މުސްތަފާ

profile

ޒިދާން މުޙައްމަދު - 16 އޮކްޓޯބަރު 2024 - 22:59

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް

ގުޑްސް އެންޑް ސާވިސް ޓެކްސް - ޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެމްބަރު މުސްތަފާ މިފަދައިން ވިދާޅުވީ، އަސްލު ޓީވީގެ "ދިވެހީންގެރާއްޖެ މެމްބަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބުރަވާ ގޮތަށް އެއްވެސް ޓެކްސްއެއްގެ ބޮޑުނުކުރާނެ ކަމަށެވެ.

އެ ޔަގީންކަން ދެއްވަމުން، މެމްބަރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެފަދައިން ވައުދުވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ސަބަބެއް އޮވެގެން ކަމަށެވެ. އެއީ އޭރު އޮތް ސަރުކާރުން ޖީއެސްޓީއާއި ޓީ-ޖީއެސްޓީއަށް ބަދަލުގެނެސް، ޓެކްސް ބޮޑުކުރުމުން، ރައްޔިތުންނަށް ބުރަބޮޑުވުންކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"ޖީއެސްޓީވެސް ހަ ޕަސެންޓުން އަށް ޕަސޭންޓަށް ބޮޑުކުރީ. ނުވިތާކަށް ބޭނުންކުރަމުން ގެންދިޔަ [ޕްލާސްޓިކް] ބާޒާރު ކޮތަޅުންވެސް ޓެކްސް ނަގަން ފެށީ. އެހެން ގޮސް ރައްޔިތުންގެ ޖީބުން ދައްކަންޖެހޭ ޓެކްސް ބޮޑުވެގެން ދިޔައީ." މެމްބަރު މުސްތަފާ

މެމްބަރު މުސްތަފާ މިމޭރުމުން ވާހަކަ ދެއްކަވާފައިވަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ބިލެއް މަޖިލީހަށް ހުށަޙަޅާފައި ވަނިކޮށެވެ. އެ ބިލު ހުށަހެޅުއްވީވެސް މެމްބަރު މުސްތަފާއެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލް ދިރާސާ ކުރުމަށްޓަކައި ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއިމަހުގެ ނިޔަލަށެވެ. އެކަމަކު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައިވެއެވެ. އެއާ އެކު، ދައުލަތަށް އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެއެވެ.

ބައެއް ޓެކްސްތައް ރިވައިސް ކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވާއިރު، މިއީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތެއްގެ އަތުން ނަގާ ޓެކްސްއަކަށް ބަދަލެއް އަންނަ ކަމެއް ނޫންނެވެ.


https://int.etukuri.mv/
tel:+9607331319