logo

ސްޓްރެޓެޖިކް ޕްލޭންގެ ނަތީޖާ ފެނޭ، މިދިޔަ މަހު ޖުމްލަކޮށް ކުށް މަދު: ޝިފާން

profile

ޝާމާ ޝުޢައިބު - 01 އޮކްޓޯބަރު 2024 - 14:43

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ވައްކަމާއި ފޭރުމާއި ޖުމްލަކޮށް ކުއް ކުރުން މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކަން ހިއްސާކޮށް އެ އިދާރާގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ.

އޮގަސްޓް މަހު ވައްކަމުގެ 327 މައްސަލައެއް ހުށަހަޅާފައިވާއިރު ނިމުނު ސެޕްޓެމްބަރު މަހު ހުށަހެޅުނު ވައްކަމުގެ އަދަދު ވަނީ 230 އަށް ދަށްވެފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މިދިޔަ އޮގަސްޓު މަހު 134 މައްސަލަ ހުށަހަޅާފައިވާއިރު. މިދިޔަ މަހު ހުށަހަޅާފައިވަނީ 111 މައްސަލައެވެ.

އޮގަސްޓް މަހު އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުތަކާ ފޭރުމުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު އިތުރެވެ. މި އަދަދުތައް ވެސް ސެޕްޓެމްބަރު މަހު ވަނީ ދަށް ވެފައެވެ. އެގޮތުން އޮގަސްޓު މަހު ޓްރެފިކް އެކްސިޑެންޓުގެ 204 ހުށަހެޅިއިރު މިދިޔަ މަހު ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ 143 މައްސަލައެވެ. ފޭރުމުގެ މައްސަލަ ސެޕްޓެމްބަރު މަހު ވަނީ 46ން 32އަށް ދަށްވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް އަމަލުކުރަން ފެށީ މިދިއަ ޖޫން މަހުގައެވެ. ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް އަދި ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ. އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ އަދި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފައެވެ.

މީގެއިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެކެވެ. އަދި ތަަޢުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް އަދި ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންވަނީ އައްޔަންކޮށްފައެވެ. މީގެއިތުރުން ފުލުހުންގެ ގަވަރނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ޚިދުމަތްތައް ތަރުތީބު ކުރެވިގެންދާނެއެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފައެވެ.

https://int.etukuri.mv/
tel:+9607331319